ރަމަމާން މަހަކީ ވީހައި ގިނައިން ޞަދަޤާތް ކުރުމުގެ މައްސަރެވެ. ވީމާ ރަމަޟާން މަހު ކުރާ ޞަދަޤާތުގެ ތެރޭގައި މީސްތަކުންގެ ދަރަނި މާފުކުރުން ހިމަނާށެވެ. އެއީ އެންމެ މަތިވެރި އެއް ޞަދަޤާތެވެ. މީސްތަކުންގެ ދަރަނި މާފުކުރުމަކީ އެކަމުގެ ސަބަބުން ވަރަށް ގިނަ ސަވާބާއި ދުރަމަ އެމީހަކަށް ދެއްވަވާނެ ކަމެކެވެ.
ތަކްލީފް ލިބިގެންވާ މީހަކަށް ލުއިކޮށްދީ ތަކުލީފުން ސަލާމަތްކޮށްދީފިނަމަ އެމީހެއްގެ ތަކްލީފްތައް ﷲ ތަޢާލާ ލުއިކޮށް ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.ރަމަޟާން މަހު ކުރާ އަޅުކަމުގެ ސަވާބު އެތައް ގުނައަކަށް އިތުރުކުރައްވަވާފައިވާކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ މިފަދަ މަތިވެރި މައްސަރެއްގައި ދަރަނިވެރިންނަށް މާފުކުރުމުން އެކަމުން ލިބިގެންދާނެ މަތިވެރި ސަވާބު ޚިޔާލަށްވެސް ނުގެނެވޭނެއެވެ.
ތިބާގެ ފޮތުގައި ދަރަނިތަކެއް ލިޔެގެން އުޅުމުން ތިބާއަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެ ދަރަނި ތިބާއަށް ނުލިބުނު ނަމަވެސް ތިބާގެ ކަންކަން ހަމަޖެހެމުން ދާނަމަ އެ ދަރަނި މާފުނުކޮށް ހުންނަންވީ ކީއްކުރަން ހެއްޔެވެ؟ ދަރަނި މާފުކުރުމުން ﷲ ތައާލާ ދެއްވަވާ ސަވާބާއި ދަރުމަ ލިބިގަތުން މާ މުހިންމު ނޫން ހެއްޔެވެ؟
ދަރަނިވެރިންނޭވެ! ނުކައި ހުރެގެންވެސް ދަރަނި އަދާކުރާށެވެ! ދަރައި އޮވެ ލާ ރީތި ފޭރާމުން، ދުއްވާ އަގުބޮޑު ކާރުގެ އޮތީ ކޮން ރީތިކަމެއް ހެއްޔެވެ؟ ތިބާއަށް ދަރަނި އަދާކުރެވެން ނެތް ނަމަ އެކަމާއި އަޅައި ނުލައި ނުހުންނާށެވެ! އަވަހަށް ގޮސް މާފުކުރުމަށް އެދޭށެވެ!
ދަރަނިވެރި ޞަހާބީއެއްގެ ދަރަންޏާއި ޞަޙާބީއަކު ޙަވާލުވެވަޑައިގަތުމުން ނޫނީ ރަސޫލް (ޞޢވ) އެޞަހާބީގެ ކަށުނަމާދުކޮށް ނުދެއްވެވިކަން ހަނދާންކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ ހުރިހާ ފާފަތައް ފުއްސަވާއިރުވެސް ދަރަނި ނުފުއްސަވާކަން ހަނދާނަށް ގެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން