"އެރެއަކީ (ލައިލަތުލްޤަދްރް ވިލޭރެއަކީ) ގުނައި އަދަދު ނުކުރެވޭ ވަރަށް ބިލިއަން ބިލިއަނުން މަލާއިކަތް ބޭކަލުން ބިމަށް ފައިބާ ވަޑައިގަންނަވާ ރެއެވެ. އެބޭކަލުން ފައިބައި ވަޑައިގަންނަވަނީ ﷲ ތައާލާގެ އަމުރުފުޅަށް އަހަރެމެންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކޮށްދެއްވެވުމަށެވެ. އެ ގޮތުގައި އެރޭގެ ފަތިސް ވަންދެން އެބޭކަލުން ބިންމަތީގައި ތިއްބަވާނެތެވެ.
އެރެއަކީ އަޅުގަނޑުމެންގެ ކުރާ އަމަލުތަކުގެ ބަރަކާތް އިންތިހާއަށް އިތުރުވެގެންދާ ރެއެވެ. އަޅުގަނޑުމެން ކުރާ އަމަލުތައް އުޑަށް އުފުއްލެވޭނެރެއެވެ. އަޅުގަނޑުމެން ކުރާ ދުޢާ ޢިޖާބަކޮށްދެއްވަވާނެ ރެއެވެ.
ލައިލަތުލްޤަދްރް ވިލޭރޭ އެއްވެސް ޝައިޠާނަކަށް ބޭރަށް ނުކުމެ އުޅުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ޝައިޠާނުންތައް ތިބޭނީ ހޮރުތަކަށްވަދެ އަމިއްލައަށް ޖަލަށް ލެވިގެން ބޮނދައި ފިލައެވެ. ބޭރަށް ނުކުމެ މީސްތަކުންނަށް ވަސްވާސް ދޭނެ ޖާގައެއް ނުލިބޭނެއެވެ."
- ޝައިޚް އިބްރާހީމް ފަރީދު
ބައެއް އިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެ ރޭ ވެސް އިންސާނުންގެ ތެރޭގައި ތިބި ޝައިޠާނުން ޙަރަކާތްތެރިވާނެއެވެ. މީސްތަކުން ހައްލުވައިގެން ކުޅިވަރު ކުޅުވައި އަދި ކެއުން ބުއިން ފަދަ ކަންކަމުގައި ވަގުތުތައް ބޭކާރުކުރުވާނެއެވެ. އަޅުކަން ކުރުމުގައި ވަގުތު ހޭދަކުރިއަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރާނެއެވެ.
ރަމަޟާން މަހުގެ ރޭތަކުގައި ކެއުން ބުއިންތައް ބާއްވައި މަޖާކުރުމާއި ކުޅިވަރުތައް ރާވައި ހިންގަނީ އެންމެ ބޮޑެތި ޝައިޠާނުންނެވެ. ރަމަޟާން މަހަށް ޝައިޠާނުންތައް ކަސްތޮޅު އަޅުއްވަވާނެކަން އެއްޗެއްސަށް ކުރިއާލައި އެނގޭތީ ކުރިއާލައި މީސްތަކުންގެ ތެރެއިން ތަމްރީނުކޮށްފައި ތިބޭ ޝައިޠާނުންނެވެ.
އެހެންކަމުން ލައިލަތުލްޤަދްރް ހޯދަން އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ އިންސާނުންގެ ތެރޭގައި ތިބި ޝައިޠާނުންނަށެވެ. އެ ޝައިޠާނުންތަކުގެ މަޅީގައި ނުޖެހުމަށެވެ.