ފަހު ދިހަ ފެށުނީއެވެ! އަވަހަށް ރޯދަ ވީއްލުންތައް ބޭއްވުން ހުއްޓައިލާށެވެ. ވީހައި ލުއި ގޮތަކަށް ރޯދަ ވީއްލައި މިސްކިތަށް ދިއުން އަވަސްކުރާށެވެ. ގޭގައި ނަމާދުކުރާ މީހުން ވެސް ވީހައި އަވަހަކަށް އަޅުކަމަށް އަވަސްވެގަންނާށެވެ!
ގޭގައި ރޯދަ ވީއްލުންވެސް ލުއިކުރާށެވެ! ރޯދަ ވީއްލުން ބަރުކުރުމުން އެކަމުގެ ބާރު އެންމެ ބޮޑަށް ބޮޑުވަނީ އަންހެނުންނަށެވެ. ރޯދަ ވީއްލުން ދީ ނިންމާފައި ތާހިރުވެލައިގެން ޢިޝާ ނަމާދަށް ނުދެވޭ އަންހެނުން މަދެއް ނޫނެވެ.
ގިނަ އަދަދެއްގެ އަންހެނުންނަށް ރޯދަ ވީއްލަން ދޭން އުޅެން ހަދައިގެން އޮންނަނީ ގޭގައި މަޣްރިބް ނަމާދު ނުކުރެވިފައެވެ. އެހެންކަމުން ޢިޝާ ނަމާދަށް މިސްކިތަށް ގޮސް މަޣްރިބް ނަމާދުކުރާ އަންހެނުން މަދެއް ނޫނެވެ. އެގޮތަށް ކަންތައްތައް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެކަނބަލުންގެ އެކަނިވެރިކަމާއި ގޭތެރޭގެ ހާލަތެވެ. ދަރިންގެ ރޯދަވީއްލުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭތީއެވެ.
ރޯދަ ވީއްލައި ނިމިގެން އަތްދޮވެލައިގެން ފިރިހެނުންނަށް ގެއިން ނުކުމެގެން މިސްކިތަށް ދެވޭހައި ފަސޭހައިން އެކަން ކުރެވޭކަށް އަންހެނުންނަކަށް ނުއޮވެއެވެ. ވީމާ އަނބިމީހާ ވެސް ހަމަ ތިމާފަދައިން އަވަހަށް މިސްކިތަށް ދާން ބޭނުންވާނެކަން ވިސްނާށެވެ! ގެއިން ނުކުތުމުގެ ކުރިން އެކަނބަލުންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭށެވެ. އަޅުކަން ކުރުމަކީ އަޅުކަމެއް ފަދައިން އަޅުކަން ކުރަން މީހަކަށް ޚާއްޞަކޮށްއަނބިމީހާއަށް އެހީތެރިވެދިނުމަކީ އަޅުކަމުގައި ބައިވެރިވުމެވެ. އެއީ ނުހަނު ގިނަގުނަ ސަވާބު ދެއްވަވާނެ ކަމެކެވެ.
- ޝައިޚް އިބްރާހީމް ފަރީދު