ވެރިޔަކު ނެތުމުގެ ސަބަބުން ޤުރުއާނާ ބެހޭ މަރުކަޒާއި އައިޔޫއެމަށް ދަނީ ގެއްލުންތަކެއް ލިބެމުން: ޑރ.ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ވެރިޔަކު ނެތުމުގެ ސަބަބުން ޤުރުއާނާ ބެހޭ މަރުކަޒާއި އައިޔޫއެމަށް ދަނީ ގެއްލުންތަކެއް ލިބެމުން: ޑރ.ޝަހީމް

ވެރިޔަކު ނެތުމުގެ ސަބަބުން ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަށް ދަނީ ގެއްލުންތަކެއް ލިބެމުން ކަމަށް ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ އެމަނިކުފާނުގެފޭސްބުކްގައި ލިއުއްވި ސްޓޭޓަސް އެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވި ރާއްޖޭގެ އެންމެ މުހިންމު އިސްލާމީ ދެ މުއައްސަސާއަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީ ކަމަށާއި ވަރުގަދައަށް ހިގަމުން އައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި ވެރިޔަކު ނެތްތާ މިހާރު ހަތް މަސްވާން ގާވެފައިވާ ކަމަށެވެ.

މި ސަރުކާރު ފެށުނުތަނާ އެތަނުގައި ވެރިޔަކަށް ހުންނެވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އެތަނުން އިހާނެތި ގޮތަކަށް ވަކި ކުރެއްވި ފަހުން އަދި މި ވަގުތާ ހަމައަށް ވެސް އެތަނަށް ވެރިޔަކު އައްޔަން ކޮށްފައިނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވި ޤުރުއާނާ ބެހޭ މުޅި މަރުކަޒު ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށާއި ރަށް ރަށުގައި ހިންގަމުން ދިޔަ ގިނަ ކަންކަން ވަނީ ހުއްޓިފައި ކަމަށެވެ، އަދި ގައުމީ ގުރުއާން މުބާރާތާއި ސްކޫލް ކުދިންގެ މުބާރާތަށް ވެސް ބަޖެޓް ނުލިބި ކުރިއަށް ނުގެންދެވިފައި ވާކަމަށް ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ މިއީ ހަނދާން ކޮށްދިނުމެއްކަމަށާއި ދެކޮޅުވެރިވުމެއް ނޫންކަމަށެވެ. އަދި މިތަންތަނަށް ވެރިން އައްޔަންކޮށްދެއްވައި މިތަންތަން ސަލާމަތް ކުރުމަށް ގޮވާލާ ކަމަށެވެ. މިތަންތަނަށް މީހުން ލުމުގައި މީހުންގެ ވިސްނުމާއި ފިކުރަށް ބައްލަވައި މެދުމިނުގެ އިސްލާމީ ވިސްނުމުގެ ތަޖުރިބާހުރި މީހުން އައްޔަން ކުރުމަށް ވެސް ޑރ.ޝަހީމް ވަނީ ގޮވާލާފައެވެ.

މިއަދު އޮންލައިން