އަނިޔާގެ ކުރިމަތީގައި "ބިރުނުގަނެ، ފަހަތަށް ނުޖެހި ކުރިއަށްދާނަން! އިންސާފު ހޯދައިދޭން ހެއްކެއް، މަގެއް ފެނޭތޯ ކުރިއަށްދާނަން" ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހިސާން ވިދާޅުވީ މިދިއަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެ ވަޑައިގެންނެވި ވަޢުދަކީ، ގޮތްނޭނގޭ އެތައް މަރުތަކެއްގެ ތަޙުޤީޤުކުރުމަށް ކޮމިޝަންތަކެއް އެކުލަވާލައި، އެ ޢާއިލާތަކަށް އިންސާފު ހޯދައިދޭން މަސައްކަތްކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދު ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނަގާފައިވާ މައްސަލަތުގައި، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި، ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި، މަނީ ލޯންޑްރިންގެ ބޮޑެތި މައްސަލަތަކުގައި ތަޙުޤީޤު ކޮށް، ރައްޔިތުންނަށް ގެއްލިފައިވާ ބޮޑެތި އަދަދުތަކުގެ ފައިސާތައް އަނބުރާ ދައުލަތަށް ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ކަމަށެވެ.
ހިސާން ވަނީ ބިލް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންކަން ވެސް ފާހަގަކުރައްވައިފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޙިސާން ދެއްކެވި ވާހަކަފުޅުން:
ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަންމަގެ ލޮލުން އަންނަ ކަރުނަ، ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރައިލުމުން، އެ ދުވަހު ސަރަހަރަ އިގައި ޔާމީން ރަޝީދުގެ މަންމަ އޭނާގެ ބޯކޮޅުގައި ފިރުމައިލަފިރުމައިލާ ކަރުނައަޅާން އިން މަންޒަރު، އެއީ ހަމަގައިމު ވެސް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ މަންޒަރުތަކެއް ނޫން. މި ނޫންވެސް އެތައް ޢާއިލާތަކުން މިއަދު ވެސް އިންސާފު ހޯދައިދިނުމަށް އެދި ދަނީ ތަކުރާރުކޮށް އަޑުއުފުލަމުން. މިއަދު އަޅުގަނޑުމެން މި ބަހުސްކުރާ ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް އިޚްތިޔާރުކުރައްވަ އި އުފައްދަވާ ކޮމިޝަންތަކެއް.
މި ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމަކީ އަޅުގަނޑުމެންނަށް އެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރެއްވުމަށް ދެވޭ އިތުރު ބާރެއް. އާދެ، އަޅުގަނޑު މި ބިލާ ބެހޭ ގޮތުން ފާހަގަކޮށްލަން ބޭނުންވާ ދެތިން ނުކުތާއެއް އެބައޮތް. އޭގެތެރޭގައި އަ ޅުގަނޑު ހަމަގައިމު ހުށަހަޅަން، މި ބިލުގައި، މި ބިލުގެ ދަށުން އުފައްދާ ކޮމިޝަންތަކަށް ޖިނާޢީ އިޖުރާއަތުގެ ގާނޫނުން ކަނޑައަޅާފައި ވާ ބާރުތައް ލިބިދީފައި އޮންނައިރު، އެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް އެ އިޚްތިޔާރު ކޮމިޝަނަށް ދިނުމަށް.
އަދި އެއާއެއްކޮށް މި ކޮމިޝަންތަކުން ތަޙްޤީޤުކުރާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މަދަނީ މައްސަލަތަކުގައި ނުވަތަ ސިވިލް މައްސަލަތަކުގައި މިހާރުވެސް ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން، އޮނިގަނޑުގެ ތެރެއިން، ތަބާވާންޖެހޭ މަދަނީ އިޖުރާއަތުތަކަށް ކޮމިޝަނުން ތަޙުޤީޤުކުރަމުންދާއިރު ތަބާވާންޖެހޭނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި އޮތުން ވެސް މުހިއްމު ކަމަށް އަޅުގަނޑަށް ފެނޭ.
އާދެ! ކޮމިޝަންތައް އުވައިލުމާ ގުޅޭ ގޮތުން މި ބިލުގައި މި އޮތް މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް އެބަ ލިބިވަޑައިގަންނަވާ އިޚްތިޔާރު، ހިނގަމުން ރިޔާސީ ކޮމިޝަނެއް އުވަ އިލުމުގެ. އަޅުގަނޑު ހުށަހަޅަން، ކޮމިޝަންތައް އުވަ އިލަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާއިރު، އެ ކޮމިޝަންތަކުން އެހާތަނަށް ކޮށްފައިވާ މަސައްކަތަށް ވާ ގޮތެއް މި ބިލުގައި ސާފުކޮށް އަޅުގަނޑުމެން ބަޔާންކުރަން. އެގޮތުން، ކޮމިޝަންތަކުން ހޯދާފައި ހުންނަ މަޢުލޫމާތުތަކާއި، ހެއްކާއި، އަދި އެނޫންވެސް ނަގާފައި ހުންނަ ހެކިބަސް އެއީ ޞައްޙަ އެއްޗެހީގެ ގޮތުގައި ދެމިއޮތުމާ، އަދި ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުވަ އިލާއިރު އެ ކޮމިޝަނުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތްތައް ބަދަލުކުރާނެ މުއައްސަސާއެއް ކަނޑައަޅާފައި އޮތުން.
އެއީ އަޅުގަނޑުގެ ހިތުން ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކަށް އެ ބޭފުޅުންގެ ރިސޯސް އާއި އަޅުގަނޑުމެންގެ ދައުލަތުގެ ރިސޯސަސް ބޭކާރުވެނުދިއުމަށް ޓަކައި ކޮންމެހެންވެސް އަޅުގަނޑުމެން ގެންނަންޖެހޭ އިޞްލާޙެއް. އާދެ، މިދިޔަ ރިޔާސީ އިންތިޚާބުގަޔާ އި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ދިން ވޯޓުން ފެންނަ ނަތީޖާއަކީ، ދައުލަތުގެ މުއައްސަސާތައް އިޞްލާޙުކުރަން ރައްޔިތުން ބޭނުންވާކަން. އަޅުގަނޑު ހިތުން އެ މުއައްސަސާތައް އިޞްލާޙުކުރުމުގެ ކުރިން ކުރަންޖެހޭ ބޮޑެތި ތަޙުޤީޤުތައް ކުރަން މިފަދަ ރިޔާސީ ކޮމިޝަންތަކަކީ ކޮންމެހެންވެސް މުހިއްމު އަދި ބޭނުންތެރި ކޮމިޝަންތަކެއް. ޝުކުރިއްޔާ އިއްޒަތްތެރި ރައީސް