މާލޭގެ އިތުރު ރޫޓަކަށް މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފެށުން ލަސްވަނީ މާލޭގެ ބައެއް މަގުތައް ހުރިގޮތުން ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މާލެ-ހުޅުމާލެ ބަސްދަތުރުތަކާއި ހަވާލުވެ ހުރި ކުންފުނި ކަމަށްވާ އެމްޕީއެލް އިން ބުނީ، މާލޭގެ އިތުރު ރޫޓަކަށް ދަތުރުތައް ފެށުން ލަސްވަނީ މަގުގައި ބަސް އަނބުރާލާނެ ޖާގަ ނެތުމުން ކަމަށެވެ.
މާލޭގެ އިތުރު ރޫޓަކަށް މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޕީއެލްއިން ބުނެފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙްޖޫބު ވިދާޅުވީ އަލަށް ހަދާ ބަސް ސްޓޮޕްތައް ހެދުމަށް ހަމަޖެހިފައިވަނީ ބުރިޖު ވިއު ޕްލެޓްފޯމް ހުންނަ ސަރަހައްދާއި ނަސަންދުރާ ކައިރީގައި ކަމަށެވެ. އަދި މި ބަސް ސްޓޮޕްތަކަށް ދަތުރުތައް ފެށުމަށްޓަކައި ބަސް ދަތުރުކުރާނެ މަގުތައް ކަނޑައަޅައި ފާހަގަތައް ޖެހުމުގެ މަސައްކަތް އޭރު ކުރަމުންދިޔަ ކަމަށްވެސް މަހުޖޫބު ވިދާޅުވިއެވެ.
އެހެންނަމަވެސް ނަސަންދުރާ ސަރަހައްދަކީ ކުރިއާ ޙިލާފަށް މިހާރު ދެކޮޅަށް ދުއްވޭ މަގަކަށްވުމުން، ބަސް މާލެ ތެރެއަށް ވަދެފިނަމަ މަގުތައް ތޮއްޖެހި ދަތިތަކާއި ދިމާވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޕީއެލްއިން ބަހުގެ ޙިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނައިރު މާލޭގެ ރޫޓް ތަކަށް ޙިދުމަތް ދިނުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން މަގުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހައުސިންގ މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް މަހުޖޫބް ވިދާޅުވިއެވެ.