ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރަކަށް ވެވޭ އުމުރުމަތިކޮށް، އެ ކޮމިޝަންގެ މެންބަރުންނަށް ކޯޓްތަކުގައި ވަކާލަތު ނުކުރެވޭގޮތަށް ޖޭއެސްސީގެ ޤާނޫނަށް އިޞްލާޙެއް، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވައިފިއެވެ.
ޖޭއެސްސީގެ ޤާނޫނަށް ހުށަހެޅި އިޞްލާހުގެ ބިލްގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފައިވީ ނަމަވެސް، އެބިލަށް އަދި ބަހުސްކުރަން ތާވަލުކޮށްފައެއްނުވެއެވެ.
އެގޮތުން ޖޭއެސްސީގެ ޤާނޫނަށް މޫސާ ސިރާޖު ހުށައެޅުއްވި އިޞްލާޙުގައި އެ ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމް ކުރާ ސިފަތަކުގެ ތެރޭގައި އުމުރުން 40 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނު ބުނާގޮތުން ޖޭއެސްސީގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހަކަށެވެ.
މީގެއިތުރުން މި އިޞްލާޙުގައި ބުނެފައިވަނީ، ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކީ ޤާނޫނީ ވަކީލެއް ކަމުގައިވާނަމަ އެފަރާތައް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ދެމި ހުރިހާ ހިނދަކު ދިވެހިރާއްޖޭގެ ކޯޓްތަކުގައި ވަކާލަތު ނުކުރެވޭނެ ކަމަށެވެ. އަދި ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް ވަކިކުރެވޭނެ ގޮތްވެސް މި އިޞްލާޙުގައިވެއެވެ.