ކ.މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިވެއެވެ.
އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށްދާ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި އަންހެނެކެވެ. މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖޫން 26 ވަނަ ދުވަހު 15:10 ހާއިރު މާފުށި ޖަލުންނެވެ.
މި އަންހެން މީހާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުން މަސްތުވާތަކެތި ހުރި 04 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިހުރި ބްލެޓް ސައިޒުގެ ބެލޫނަކާއި މޮބައިލް ފޯނެއް ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތު ދީފައިވެއެވެ.