ފުވައްމުލަކަށް ވައިގެ މަގުން މަސްތުވާތަކެެތި އެތެރެ ކުރަން އުޅުނު މީހާ އަތުލައިގެންފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ވައިގެ މަގުން ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި ޖޫން މަހުގެ 25 ވަނަ ދުވަހުގެރޭ 20:45 ހާއިރު ފުވައްމުލަކު އެއަރޕޯޓުންނެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާގެ ފައިގެ ކަށިމަތީގައި ޓޭޕް އޮޅައި ބަނދެފައިއޮތް، މަސްތުވާތަކެތިހުރި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.