އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭނުންވާ މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް އެދުމުންވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ހިއްސާ ނުކުރުމުން، މައުލޫމާތު ހޯދާ ލިބިގަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުޅުވާލެވިފައިވާ އަޑުއެހުމަކަށް ދާން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިހެން ބުނެފައި މިވަނީ އިލެކްޝަންސް ކޮމިޝަންގައި ހިމެނޭ މައުލޫމާތެއް ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދުމުން އެމައުލޫމާތަކީ ދައުލަތުގެ ސިއްރު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ހިއްސާކުރުމަށް ދެކޮޅު ހެދުމުންނެވެ.
މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭނުންވާ މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް އެދުމުންވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ހިއްސާ ނުކުރުމުން، މައުލޫމާތު ހޯދާ ލިބިގަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުޅުވާލެވިފައިވާ އަޑުއެހުމަކަށް ދާން ނިންމާފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އެގޮތަށް އެންގުމުން އެއީ އެއިދާރާއަށް އިންޒާރުކުރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނިކަމުގައި ވިޔަސް އެއީ ގާނޫނު އަސާސީން ލިބިދޭ ބާރެއް ކަމަށްވެސް އަޒީޒު ވިދާޅުވި އެވެ.
އާންމު އަޑުއެހުމަކަށް ދާން ނިންމީ ސުލްހަވެރިކަމާއިއެކު އެތައްފަހަރެއްގެ މަތިން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަންގައި ވަކި މައުލޫމާތެއް ހިއްސާކުރުމަށް އެދުމުންވެސް އެމައުލޫމާތު ހިއްސާ ނުކުރުމުން ކަމަށްވެސް އަޒީޒު ވިދާޅުވި އެވެ.
އަޒީޒް ވިދާޅުވީ ދައުލަތުގެ އެއް އިދާރާއިން އެހެން އިދާރާއަކަށް މައުލޫމާތު ހޯދުމަށް ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުދީ ގާނޫނުގައި ބުނާ މުއްދަތު ހަމަވެގެން ދިއުމުން އެކަން ބަލައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިދާނެ ކަމަށެވެ. އެމައުލޫމާތު ހޯދުމަށާއި އެކަމާ ގުޅޭ ލިޔުންތައް ހޯދުމަށް އިންފޮމޭޝަނަށް ކޮމިޝަނަރުގެ އޮފީހުން މައްސަލަ ރައްދުވާ އޮފީހުގައި އެދެވިދާނެ ކަމަށެވެ. އަދި އެކިއިދާރާތަކަށް ހުށަހަޅައިގެން މައުލޫމާތު ނުލިބުމުން އެފަދަ މައްސަލަތައް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެކިއެކި ފަރާތްތަކަށް ހުށަހަޅާ ކަމަށް އަޒީޒް ވިދާޅުވިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބިފައިވާ ބާރުގެ ދަށުން ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށާ އެގޮތައް އެންގީ އެމައުލޫމާތަކީ ނުދީ ހިފަހަށްޓަން ޖެހޭ މައުލޫމާތެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ކަމަށް އަޒީޒް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގައި މައުލޫމާތު ހޯދުމަށް އެދުމުން ކަމާނުގުޅޭ ވާހަކަތަކެއް ލިޔުމަށްފަހު އެމައުލޫމާތު ދީފިނަމަ ދައުލަތުގެ ސިއްރު ނުހިފެހެއްޓި ކަމުގެ ދައުވާ އެއިދާރާއަށް ކުރާނެ ކަމަށް އެ އިދާރާއިން ބުނި ކަމަށްވެސް އަޒީޒް ވިދާޅުވިއެވެ. އެކަމަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި އެމަނިކުފާނަކީ ދައުލަތުގެ ސިއްރު ހިފަހައްޓާނެ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ޑިޕްލޮމެޓިކްކޮށް ކަންކަން ކުރަން ބޭނުންވާތީ އިލެކްޝަންސް ކޮމިޝަންގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ އެ މައުލޫމާތުތައް ހިއްސާކުރުމަށް އެދިވަޑައިގެންނެވި ކަމަށްވެސް އަޒީޒް ވިދާޅުވި އެވެ. އަދި އެމައުލޫމާތަކީ ދައުލަތުގެ ސިއްރު ގެއްލޭ މައުލޫމާތެއް ނަމަ އެމައުލޫމާތެއް ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމުގައިވެސް ވިދާޅުވޮ އެވެ.