1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށްހުރި އެކަކު ކަމުގައިވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، އަނބުރާ ރާއްޖެ ގެނައުމަށް ޝްރީ ލަންކާގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ލިޔުންތަކެއް މިއަދާއި ހަމައަށް ވެސް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ.
މީޑިއާ ގްރޫޕްގައި މައުލޫމާތު ދެއްވަމުން އިޒްމިއާ ވިދާޅުވީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ޝްރީ ލަންކާގެ ކަމާއިބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް މިއަދާއި ހަމައަށް ފުރިހަމަ ކުރެވިފައި ނެތް ނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އުއްމީދު ކުރަނީ އެލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ލުތުފީ އަނބުރާ ރާއްޖެ ގެނެވޭނެ ކަމަށެވެ.
"އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސެސް (އެމްސީއެސް) އާއި ހަވާލު ކުރުމަށްޓަކައި ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު ޝްރީ ލަންކާގައި ހަރަކާތްތެރިވަމުންދާކަން މައުލޫމާތަށްޓަކައި ދަންނަވަން" އިޒްމިއާ ވިދާޅުވެފައިވެއެވެ.
ފިލައިގެން ގޮސް ލުތުފީ ހުރީ ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ގައެވެ.