ހާޖަރާގޭ ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިން ނާޅާ އޮތް ސަބަބު ބަލާ ތަހުގީގު ކުރަނީ

ކިޔުމަށް ހޭދަވާނީ 3މ 19ސ
ހާޖަރާގޭ ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިން ނާޅާ އޮތް ސަބަބު ބަލާ ތަހުގީގު ކުރަނީ

ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ފިލައިގެން އުޅޭ މައްސަލަގައި މިހާތަނަށް އޭނާ ރާއްޖެ ގެނެއުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، އެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަންގަވައިފިއެވެ.

 

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށި ފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މަޢުލޫމާތު ޔަގީނާއިގާތަށް ލިބި، އެ މަޢުލޫމާތު ފުލުހުންގެ ކަމާއިގުޅުން ހުރި އިސްވެރިންނާއި ހިއްސާކުރެވިފައި ވީނަމަވެސް ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ސަބަބު ބަލައި ތަޙްޤީޤު ކޮށްދިނުމަށް ސީޕީ ހަމީދު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްއަށް ރަސްމީކޮށް ލިޔުމުން އަންގަވާފައިވާކަމަށާއި އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަޙްޤީޤް ކުރަމުންދާކަމަށެވެ.

 

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ދިޔަކަމަށް ބުނާއިރު އެކަމުގެ މަޢުލޫމާތު ފުލުހުންނާއި ސަރުކާރުން އޮތީ ފޮރުވާފައެވެ.

 

ލުތުފީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމާއި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާކަން ފުލުހުން އާއްމުކޮށްފައިވަނީ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެންމަތިވެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުންނެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ގެންނާނެކަން އިއުލާންކުރުމަށްފަހު ފުލުހުންނަށް މިހާތަނަށްވެސް ލުތުފީ މާލެ ގެނެވިފައެއް ނުވެއެވެ. ސަބަބަކަށް ފުލުހުން ބުނަނީ ޤާނޫނީ ލިޔެކިޔުންތައް ފުރިހަމަނުވެގެންކަމަށެވެ.

 

1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ހ. ހާޖަރާގެ ޢަބްދުﷲ ލުތުފީ ގެ މައްޗަށް ކޮށްފައިވާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޛު ކުރަމުންދަނިކޮށް 2010 ޖެނުއަރީ 16 ވަނަ ދުވަހު ސަރުކާރުގެ ހުއްދަ އާއިއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހު އެނބުރި ޤައުމަށް ނައިސް ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ "އިންޓަރޕޯލް" މެދުވެރިކޮށް ޢަބްދުﷲ ލުތުފީ ހޯދުމަށް 'ރެޑް ނޯޓިސް' އެއް ވެސް ނެރެފައިވެއެވެ.

 

ފުލުހުން ބުނީ ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޙާޒިރުވި ހިސާބުން ފެށިގެން، އޭނާ އަނބުރާ ރާއްޖެ ގެނެއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފަށާފައިވާކަމަށެވެ. އެގޮތުން ސްރީލަންކާގެ އެއްވެސް އިދާރާއަކުން ޢަބްދުﷲ ލުތުފީގެ މައްސަލައެއް ބަލަމުން ދޭތޯއާއި އޭނާއަކީ ގިނަ ދުވަސްތަކެއްވަންދެން ސްރީލަންކާގައި ޤަވާޢިދާއި ޚިލާފަށް އުޅެފައިވާ މީހަކަށްވާތީ، ސްރީލަންކާގައި އޭނާއަކީ އެއްވެސް މައްސަލައެއްގައި ހޯދާ މީހެއްތޯ ބަލައި އަދި އޭނާ އާއިމެދު އެއްވެސް ތަޙްޤީޤެއް ހިނގަމުންދޭތޯ ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. އަދި ލުތުފީއަކީ ދިވެހިރާއްޖޭގެ ސަރުކާރުން ހޯދާ މީހަކަށްވާތީ، ސްރީލަންކާގެ އިދާރާތަކުން ހޯދަންޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

 

މީގެ އިތުރުން ޢަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ލަންކާގެ ކަމާއިބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް، ފުލުހުންނާއި ފުލުހުން އޮންނަ ގުޅުމުގެ ތެރެއިން، ސްރީލަންކާ ޕޮލިސް ފޯރސްގެ އެކްޓިންގ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސީ.ޑީ. ވިކްރަމަރަތުނައާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ރަވީ ސެނަވިރަތުނައަށް ފޯން އަދި ސިޓީއިން އެކި ފަހަރުމަތިން މުޢާމަލާތް ކުރެވިފައިކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ޢަބްދުﷲ ލުތުފީ ގާތުގައި މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމްއެއް ސްރީލަންކާގައި ހަރަކާތްތެރިވަމުންދާކަން ފުލުހުން ބުނެއެވެ.

މިއަދު އޮންލައިން