ޖުމްހޫރީ ޕާޓީން އުފައްދާ ދާއިރާ ރައީސުންގެ މަސްއޫލިއްޔަތާއި ޝަރުޠުތައް ޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 130 ވަނަ ބައްދަލުވުމަށްފަހު ޖޭޕީގެއަމީން ޢާންމު ޙުސައިން ރަޝީދު މިރޭ ވިދާޅުވީ ދާއިރާ ރައީސުންގެ ޝަރުޠުތަކާއި މަސްއޫލިއްޔަތު މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ. މިކަމާއިބެހޭ ތަފްޞީލްތައް ވަރަށް އަވަހަށް ޢާންމުކުރާނެ ކަމަށެވެ.

ޙުސައިން ރަޝީދު ވިދާޅުވީ އިންތިޚާބީ 87 ދާއިރާއަށް ޕާޓީގެ ރައީސުން ހަމަޖެހުމުން އެމީހުންނަށް ކައުންސިލް ބައްދަލުވުންތަކުގައިވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ކުރިއަށް ހުރި އިންތިޚާބުތަކުގެ ޕްރައިމަރީގައި ވާދަކޮށް ޕާޓީގެ ޓިކެޓް ހޯދަން މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.

ޕާޓީން ހުސްވެފައިވާ ނައިބް ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު 4 ޖުލައިގައި ހަމަވާނެ ކަމަށާއި ދެން ބާއްވާ ކައުންސިލް ބައްދަލުވުމެއްގައި ނައިބް ރައީސަކު އައްޔަނު ކުރެވޭނެ ކަމަށްވެސް ޙުސައިން ރަޝީދު ވިދާޅުވިއެވެ.