ޕޮލިސް ކުލަބާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ "ޑީ" ކޯޗިންގ ސެޓްފިކެޓް ކޯސް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒްއެވެ.
މި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު ދެއްކެވި ވާހަކައިގައި ޕޮލިސް ކުލަބުގެ ޓީމުތައް ބިނާކުރުމާއި ޓީމުތަކަށް ތަމްރީނު ފޯރުކޮށްދޭ ކޯޗުން ބިނާކުރުމާއި ކޯޗިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައިތިބި މުވައްޒަފުންނަށް އެދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތު ހޯދައިދިނުމަކީ ޕޮލިސް ކުލަބު ތަސައްވުރެއްކަން ފާހަގަކުރައްވައި މި ކޯހުގެ އިތުރުން މިއަހަރުގެ ތެރޭގައާއި އަންނަ އަހަރުގެ ތެރޭގައި އިތުރު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަސައްކަތްތަކެއް ކުލަބުން ކުރާނެކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ބައިވެރިންވެސް އަމިއްލަ ޝައުޤުވެރިކަމާއެކު ކުރިއަށް ދިއުމަށް މަސައްކަތްކުރުމަށާއި ކޯޗިންގ ދާއިރާއިން އިތުރަށް ކުރިއަށްދާންބޭނުންވާ މުވައްޒަފުންނަށް އެކަންކަން ކުލަބުން ފަހިކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން ޢަބްދުލް ޢަނީ ދެއްކެވި ވާހަކައިގައި މި ކޯހުން ފާހަގަކޮށްލެވޭ ބައިވެރިންނަށް އެފްއޭއެމްގެ ޤައުމީ ޓީމުތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށާއި މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ބައިވެރިންނަށް މިއީ ކެރިއަރގެ ގޮތުގައި ކުރިއަށްދާން ރަނގަޅު ދާއިރާއެއްކަމަށް ވިދާޅުވިއެވެ. އަދި ކޯހުގެ ބައިވެރިންގެ ފަރާތުން އެފްއޭއެމްއަށްވެސް އެހީތެރިކަން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި މި ދާއިރާއިން މަސައްކަތްކުރަން ބޭނުންވާ ބައިވެރިންނަށް އެފްއޭއެމްގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެކަމަށްވެސް ވިދާޅުވިއެވެ.

ޑީ ކޯޗިންގ ސެޓްފިކެޓް ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ނައިބު ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް މަތީން ޢަބްދުލް ކަރީމް އާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ އިބްރާހިމް އާއި ޕޮލިސް ކުލަބުގެ އެކްސްކޯ މެމްބަރުންނާއި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން ޢަބްދުލް ޢަނީ އާއި އެފްއޭމްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ފުލުހުންނަށް އަމާޒުކޮށްގެން ޖޫން 27 ން 30 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 28 ފުލުހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ދެ ފަރާތަކުން ބައިވެރިވެފައިވެއެވެ. މިކޯހުގައި އިފެކްޓިވް ކޮމިއުނިކޭޝަންސް އާއި ކޯޗިންގ މެތަޑްސް އާއި ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީފައިވާއިރު، މި ކޯހުގައި .ކިޔަވައިދެއްވާފައިވަނީ އެފްއޭއެމްގެ ކަމުގެ ތަޖުރިބާ ލިބިފައިވާ ކޯޗުންނެވެ.