އެމްއެމްޕީއާރުސީގެ ފައިސާ އިން ހިނގި މަނީ ލޯންޑްރިންގ މައްސަލަތަކުގައި ފިޔަވަޅު އަޅަން ގަވަރުނަރު އެންގިކަން އެނގޭކަށް ނެތް: އޭސީސީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
އެމްއެމްޕީއާރުސީގެ ފައިސާ އިން ހިނގި މަނީ ލޯންޑްރިންގ މައްސަލަތަކުގައި ފިޔަވަޅު އަޅަން ގަވަރުނަރު އެންގިކަން އެނގޭކަށް ނެތް: އޭސީސީ

ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފް.އައި.ޔޫއަށް ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު އެފް.އައި.ޔޫ އިން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓް، އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ ޖީމެއިލް އެކައުންޓުން އޭރުގެ ޤަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުވާފައިވާކަން ތަހުޤީޤަށް ފާހަގަކުރެވުނު ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް ޢަމަލު ކުރަން އެފް.އައި.ޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިނުވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މީގެއިތުރުން، އެ ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އޭރުގެ ޤަވަރުނަރު އެގޮތަށް ޢަމަލުކުރުމަށް ބުނެ، އޭނާގެ ނުފޫޒު ފޯރުވައިގެންކަން ސާބިތުކުރެވޭވަރުގެ ހެއްކެއް ކޮމިޝަންގެ ތަހުޤީޤަށް ލިބިފައިނުވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނެފައިވަނީ މި މައްސަލައިގައި އެ ކޮމިޝަންގެ ތަޙްޤީޤުން މިހައިތަނަށް ބެލިބެލުމުގައި، މި މައްސަލާގައި އެފް.އައި.ޔޫގެ އެނަލިސިސް ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި އެފް.އައި.ޔޫގެ އޭރުގެ މެނޭޖަރުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު ކޮށްފައިވީނަމަވެސް، އެ އެނަލިސިސް ރިޕޯޓް ތަހުޤީޤުކުރުމަށް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމި ނިންމުގައި އެ ފަރާތުން ބައިވެރިވެފައި ނުވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

އެފް.އައި.ޔޫގެ އެސް.އޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމަ އެކަނި ފަރާތަކީ އެފް.އައި.ޔޫގެ ވެރިޔާ ކަމަށްވެފައި، އެނަލިސިސް ރިޕޯޓަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ޤާނޫނީ ބާރު އެފް.އައި.ޔޫގެ މެނޭޖަރުގެ ކިބާގައި ނެތްކަން ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ އެ ރިޕޯޓާއި ގުޅިގެން އެފް.އައި.ޔޫގެ މެނޭޖަރު ބައިވެރިވެފައިވަނީ ހަމައެކަނި އެސްޓީއާރު އެނަލިސިސް ރިޕޯޓު ހެދުމުގައިކަން ތަހުޤީޤަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށްވެސް އޭސީސީ އިން ބުނެފައިވެއެވެ.

"އޭ.ސީ.ސީން މި މައްސަލަ ތަޙްޤީޤު ފުރިހަމަކުރުމަށްފަހު 18 ފެބްރުވަރީ 2019ގައި މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނުނަމަވެސް މިމައްސަލައާ ގުޅިގެން ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިރާސާކުރުމަށްފަހު، މިމައްސަލާގައި ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކޮށްފައިވާކަމަށް ބެލެވޭތީ މިމައްސަލަ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިތުރަށް ތަޙުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމަށް އިރުޝާދުދީފައިވާތީ މި މައްސަލަ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ތަޙުޤީޤުކުރުމަށް 21 ފެބްރުވަރީ 2019ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަނީ ފޮނުވިފައެވެ."

އޭސީސީ އިން ބުނެފައިވަނީ އެ ރިޕޯޓް އެނަލައިޒް ކުރަމުންދިއައިރުވެސް، އެސްއޯއެފް ކުންފުނީގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުޢާމަލާތްތަކަކީ މަނީ ލޯންޑަރިންގކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފް.އައި.ޔޫގެ ވެރިޔާއަށް އެނގޭކަމަށާއި އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލްކުރިއިރުވެސް، އެއީ ތަހުޤީޤު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގޭކަމަށް އެފް.އައި.ޔޫގެ ވެރިޔާ އިއުތިރާފްވެފައިވާތީ، އޭނާގެ އެ ޢަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން ތަހުޤީޤަށް ފާހަގަ ކުރެވޭކަމަށެވެ.

އަދި އެ ނިންމުން ނިންމާފައިވަނީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން ސާބިތުކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލާގައި އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި މި މައްސަލަ 18 ފެބްރުވަރީ 2019ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައި ކަމަށެވެ.

 

މިއަދު އޮންލައިން