ނޮވެމްބަރު 3، 1988 ގައި ބޭރުގެ ސިފައިންނާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވަނި ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގަ ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ލުތުުފީ ލަންކާގައި ވަގަށް އުޅުނު މައްސަލާގައި އެ ގައުމުގެ އިމިގްރޭޝަނަށް ވަރަށް ބޮޑު އަދަދެއްގެ ޖޫރިމަނާ ދައްކަން ޖެހޭ ކަން އެނގިފައިވާކަމަށެވެ.
ލުތުުފީގެ ބޮޑު ޖޫރިމަނާ ސަރުކާރުން ދައްކައިދޭން އެއްބަސްވެފައިވާ ކަން އެނގިފައިވާ ކަމަށާއި އެ ފައިސަ ދިވެހި ދައުލަތުން ދައްކަންޏާ ދައްކާނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށެވެ.
ގަވައިދާ ހިލާފަށް ލަންކާގައި އުޅޭތާ ގާތްގަނޑަކަށް މިހާރު އަށް އަހަރުވަރު ވެފައިވާ ލުޠުފީ ފިލާފައި ވަނީ 2010 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އޭނާ ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުންނެވެ.