ކ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުހައްމަދު ރާޣިބު އަހުމަދު ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖުޑީސަލް ސާވިސް ކޮމިޝަނުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ރާޣިބު މަސައްކަތަށް ނިކުމެ އުޅުމަކީ ކޮމިޓީން ކުރަމުންދާ ތަހުގީގަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ފެންނާތީ، ތަހުގީގު ކޮމިޓީން މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ ގާނޫނުގައިވާ ގޮތުގެ މަތީން ލިބިދެވެންޖެހޭ ފުރުސަތުތަކަށްފަހު ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާ އަށް ނުނިކުމެ މަޑުކުރުމަށް ރާޣިބަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
ގާޒީ ރާޣިބަށް ތުހުމަތުކުރެވޭ ޖުމްލަ 8 މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ރާޣިބުގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަނުގެ ހަތަރު މެމްބަރުން ކަމަށްވާ އަބްދުއްރައޫފު އިބްރާހިމް، މުހައްމަދު އީސާފުޅު، އިބްރާހިމް ރިފްއަތުގެ އިތުރުން ހިސާން ހުސައިން އެވެ.