ބ. ޗެލެންޖު ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ކުޑަރިކިލުން ކާމިޔާބުކޮށްފިއެވެ.
އެޓީމުން މި މެޗު ކާމިޔާބުކުރީ މާޅޮހާއި ވާދަކޮށް 0-2 ލަނޑުންނެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ލަނޑުޖަހާނެ ފުރުޞަތުތައް ދެޓީމަށްވެސް ލިބިވަނީ ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ޖެހީ ޖާރޒީ ނަމްބަރު 10 އަޙްމަދު ނިހާންއެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ ކުޑަރިކިލު ލީޑުގައި އޮވެގެންނެވެ.
ޖަރުމަން ކޯޗުގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މާޅޮސް ޓީމު ދެވަނަ ހާފުގައި އެޓޭކަށް އިސްކަންދީ ކުޅެމުން ދިޔަނަމަވެސް ކުޑަރިކިލުންވެސް ދިޔައީ މާޅޮހު ޓީމުގެ ދިފާޢީބާރުތައް ފޫއަޅުވަން މަސައްކަތް ކުރަމުންނެވެ.
އެގޮތުން މެޗުގެ ދެވަނަ ލަނޑުޖަހާ ކުޑަރިކިލަށް 3 ޕޮއިންޓު ޔަގީންކޮށްދިނީ ޖާރޒީ ނަމްބަރު 3 ޙަސަން ޔާސިރު ޢަދުނާނު ޖަހައިދިން ގޯލުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދި ޔާސިރު މިގޯލުޖަހައިދިނީ 86 ވަނަ މިނެޓުގައެވެ.
މި މުބާރާތުގައި މާދަމާ ހަވީރު 16:15 ގައި ބައްދަލުކުރާނީ ކިހާދޫ އާއި ފެހެންދޫއެވެ.
ފޯރސީޒަން ލަނޑާގިރާވަރުން އިންތިޒާމުކޮށް، ވެސްޓް ވިންގ އޭދަފުށީގެ އެހީތެރިކަމާއެކު މި ޖުލައި މަހުގެ 20ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ.