އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު މަރަދޫން ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ޖުލައި މަހުގެ 4 ވަނަ ދުވަހުގެރޭ 03:45 ހާއިރު އައްޑޫ ސިޓީ މަރަދޫ މަގުމަތިންނެވެ.
މި އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި، ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ހުރި 144 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.