އަނިޔާކުރި މައްސަލާގައި 7 ފުލުހަކު ސަސްޕެންޑްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަނިޔާކުރި މައްސަލާގައި 7 ފުލުހަކު ސަސްޕެންޑްކޮށްފި

މިދިޔަ ހުކުރު ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ފުލުހުން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެރޭ 19:35 ހާއިރު މ.އުޖާލާގެ ބަލައި ފާސްކޮށް މިއޮޕަރޭޝަނުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝް މީހާގެ ގައިގަ ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް އާއްމުވިއިރު ފުލުހުން ބުނީ އެފަދަ އަމަލުތަކަކީ ފުލުހުންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑްއޮފް ކޮންޑަކްޓާއި ހިލާފު އަމަލުތަކެއް ކަމުން ހާދިސާ ހިނގިރޭ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެކަން ތަހުގީގު ކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑަށް އެންގެވި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި ތަހުގީގާ ގުޅިގެން ހަތް މުވައްޒަފަކު މިހާރު ވަނީ ސަސްޕެންޑް ކުރެވިފައިވާ ކަމަށާއި އަދި ޖިނާއީ ތަހުގީގެއް ހިންގުމަށް ހާއްސަ ޓީމެއް އެކުލަވާލައި އެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނަކު އެގެއިން ހައްޔަރުކޮށްފައިވެއެވެ. އަދި އެގެއިން 461 ގްރާމް މަސްތުވާތަކެތި ވެސް ފުލުހުން ވަނީ ހޯދާފައެވެ.

 

މިއަދު އޮންލައިން