މިދިޔަ ހުކުރު ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލާގައި، އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްޙަ ފޮޓޯތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލާގައި ހަތް މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ވެސް މި މައްސަލަ ބަލާދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި ހާއްސަ ޓީމެއް އެކުލަވާލާ އެ މަސައްކަތް ފަށާފައިވާކަންވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން މިނިވަން މުއައްސަސާތަކުން މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ ވަކި ބައެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރުދައްކަމުންދާތީ ސައްހަ ނޫން މައުލޫމާތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރުމަށްވެސް ފުލުހުންގެ ބަޔާނުގައިވަނީ ގޮވާލާފައެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކުރި އަދި ފުލުހުން އަނިޔާކުރި ދެ މީހުން ޑޮކްޓަރަށް ދައްކައި އެމީހުންނަށް ފަރުވާ ދީފައިވާނެ ކަމަށާއި އެ އޮޕަރޭޝަންގައި ފުލުހުން ކޮށްފައިވާ އަނިޔާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ އެހާދިސާ އާއި ގުޅުން ހުރި ފޮޓޯތަކެއް ނޫންކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.