ދައުލަތުގެ 3 މަޝްރޫއެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލައެއް ބަލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދައުލަތުގެ 3 މަޝްރޫއެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލައެއް ބަލަނީ!

ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓަކަށް ދައުލަތުގެ ތިން މަޝްރޫއެއްގެ ފައިސާތަކެއް ވަދެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން، އޭސީސީގެ ވެރިން ހާޒިރުކޮށް މާލިއްޔަތު ކޮމިޓީގައި ސުވާލުކުރުމުންނެވެ.

އޭސީސީން ރައިސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް ބަލައި ދިރާސާކުރިއިރު ދައުލަތުގެ ތަފާތު ތިން ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ލިންކްވާ ފައިސާތަކެއް ހުރިކަން ފާހަގަ ކުރެވިގެން އެ ތިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް ތަހުގީގު ކުރިއަށް ދާތީ މައްސަލައިގެ ތަފްސީލް މުއައްވިޒު ހާމައެއް ނުކުރައްވައެވެ.

މުއައްވިޒު ވިދާޅުވީ މިހާތަނަށް ވަރަށް ބައިވަރު ޑޮކިއުމަންޓްތަކާއި ވަރަށް ގިނަ ބޭންކް ސްޓޭޓްމަންޓްތަކުން ކުރި ތަހުގީގުން ފާހަގަކުރެވިފައިވާ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައި ހުރި ގިނަ އަދަދެއްގެ ނަގުދު ފައިސާގެ ޓްރާންސެކްޝަންތަކެއް ހިނގާފައި ހުރިކަމާއި އަދި ރާއްޖެއިން ބޭރުގެ ވަރަށް ގިނަ އެކައުންޓްތަކަށް ހިނގާފައި ހުރި ފައިސާތަކެއް ހުރީމާ ތަފްސީލް ހޯދުމަށް ވެސް ދަތިއެބަހުރިކަމަށެވެ.

 

މިއަދު އޮންލައިން