ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ޗިޓު ފޮނުވައިފިއެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުމަކަށެވެ.
އެމަނިކުފާނު ކޯޓަށް ހާޒިރުކުރަން އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެމައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގައެވެ.
މަނީ ލޯންދަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާތައް ލޯންޑާ ކުރި މައްސަލައިގައެވެ.
މިމައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެކޯޓުން ވަނީ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެއަމުރު ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން، ހައިކޯޓުން ވަނީ ރައީސް ޔާމީން މިނިވަން ކޮށްފައެވެ.
މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލާގައި ޔާމީންގެ މައްޗަށް އަދި ދައުވާ ކުރައްވާފައެއް ނުވެއެވެ.