2017 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ޏ. ފުވައްމުލައް ސިޓީން ގެއްލުނު އެރަށު ދޫޑިގަން އޮޅުތެރޭގޭ މުޙައްމަދު ޝަފީއު ގެއްލުނު މައްސަލަ ތަހުގީގު ކުރުމަށް، މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަބަލާ ރިޔާސީ ކޮމިޝަންގެ ޓީމެއް، މިހާރު ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
ޝަފީއު ގެއްލިފައިވަނީ އޭނާގެ އަނބިމީހާއާއި ދޮންދަރިފުޅާއެކު މާލެ އައިސް އުޅުމަށްފަހު އެނބުރި ރަށަށް ދިޔުމަށްފަހުގައެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އެއާއިލާ އެންމެންގެ އިތުރުން، ފުވައްމުލައް ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ފުލުހުން ވެސް އެއިރު ވަރަށް މަސައްކަތް ކޮށްފައިވެއެވެ.
އެރޭ އޭނާ ގެއްލުމާމެދު އޭނާގެ އަންހެނުން އެއިރު ބުނެފައިވަނީ "ޝަފީއު އެރޭ 21:30 ހާއިރު ގެއިން ބޭރަށް ނިކުތީ އޭނާގެ މަންމަގެ ގެއަށް ދިޔުމަށް" ކަމަށާއި "ބޭރަށް ދިޔައީ ޝަފީއުގެ ފޯނާއި ވޮލެޓުވެސް ބާއްވާފައި" ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޝަފީއު "ގެއްލިގެން" އޭނާގެ އަންހެނުން ޝަފީއުގެ އާއިލާއަށާއި ބައެއް ރައްޓެހިންގެ އިތުރުން ފުލުހުންނަށް ވެސް އަންގާފައިވަނީ އެރޭ ގަޑިން 22:30 ހާއިރެވެ. އެހެންކަމުން ޝަފީއު ގެއްލުމާމެދު އެއާއިލާއިން ވަނީ ޝައްކުތަކެއް ކުރަމުންނެވެ.
އަންގާރާ ރިސޯޓުގެ ރޫމް އެޓެންޑެންޓަކަށް އުޅުނު ޝަފީއު އަކީ މީހުންނަށް ނުހަނު އޮގާތެރި، އެހީތެރި އަދި އާއިލާގެ ހުރިހާ މެމްބަރުންދެކެ ވެސް ނުހަނު ލޯބިވެ އަޅާލި މީހެއް ކަމުގައި އޭނާއާއިމެދު މައުލޫމާތުދީފައިވާ އެންމެންވެސް ވަނީ ބުނެފައެވެ. އެހެންކަމުން އެފަދަ ގަޑިއެއްގައި އޭނާ ފޯނާއި ވޮލެޓުވެސް ބާއްވާފައި ގެއިން ބޭރަށް ނިކުމެދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް ގިނަބަޔަކު ވަނީ ބުނެފައެވެ.
ޝަފީއުގެ މައްސަލަބަލާ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ރިޔާސީ ކޮމިޝަނުން ކުރަމުންދާއިރު، އޭނާ ގެއްލުނުތާ ދެ އަހަރު އަންނަ އާދީއްތަ ދުވަހު ވާނެއެވެ.