ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް އުދުވާނީ ހަމަލާދީ 19 މީހުން ޝަހީދުކޮށް އަދި އެތައް ބައަކު ޒަޚަމްކުރުމުގައި އިސްކޮށްހުރި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ މިރޭ 9.30 ހައިއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި އީކޭ ފްލައިޓުން ރާއްޖެ ގެނެސްފިއެވެ.
ލުޠްފީގެ މައްޗަށް ކޯޓުން ޙުކުމްކުރީ މަރުގެ އަދަބު ދިނުމަށެވެ. އެއިރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫން ވަނީ އެޙުކުމް، 25 އަހަރުގެ ޖަލު ޙުކުމަކަށް ބަދަލުކުރައްވައިފައެވެ. ރާއްޖޭގައި މަރުގެ އަދަބު ދިނުމުގެ ބާބު ފަށްޓަވަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެއެވެ.
ލުޠްފީ "ފިލީ 2010" ވަނަ އަހަރު ބޭސް ފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުންނެވެ. ލުޠްފީ ހޯދަން އިންޓަރޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް 2010ގެ ފަހުން ރާއްޖޭގައި ވެރިކަންކުރި 4 ސަރުކާރަށް ވެސް ސރީލަންކާ ފުލުހުންނަށްވެސް އަދި އިންޓަޕޯލަށްވެސް ލުޠްފީ ހޯދިފައެއް ނުވެއެވެ. ނަމަވެސް ލުޠްފީ ސްރީލަންކާގައި ވަނީ ކައިވެނިކޮށް ޢާންމު ދިރިއުޅުމެއް އުޅެފައެވެ. ބައެއް ދިވެހިންނާއިވެސް ވަނީ ބައްދަލުކޮށްފައެވެ.
ދިވެހި ފުލުހުން ބުނާ ގޮތުން ފުލުހުންގެ ބެލުމުގެދަށަށް ލުޠްފީ ގެންދެވުނީ މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އަމިއްލައަށް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގޮސް ހަވާލުވެ އެމްބަސީގެ ހިމާޔަތް ހޯދުމުންނެވެ. އެއިގެ ކުރިންވެސް ލުޠްފީ އަމިއްލައަށް ގޮސް އެމްބަސީގެ ހިމާޔަތް ހޯދި ނަމަ ރާއްޖެ ގެންނާނެ ކަމަށް ބެލެވެއެވެ.
ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވި ހިސާބުން ލުޠްފީގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމް ތަންފީޒު ކުރެވެމުން ނުދާކަމަށެވެ. އެހެންކަމުން ޙުކުމުން ތަންފީޒުކުރަންޖެހޭ 4 އަހަރަށްވުރެ ދިގު މުއްދަތެއް އަދި ބާކީ އެބަ އޮތް ކަމަށެވެ.
ލުޠްފީ އަމިއްލައަށް ގޮސް އެމްބަސީ އާއި ހަވާލުވި ސަބަބެއް ކަމަށް ބެލެވެނީ އެޕްރިލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އޭނާ އަތުލައިގެންފިނަމަ، އޭނާއަކީ ޕާސްޕޯޓް ވެސް ނެތި ލަންކާގައި އުޅޭ މީހަކަށްވުމުން ލަންކާގެ ޖަލުގައި ބަންދުކުރާނެ ކަމަށް ޤަބޫލުކުރެވުން ކަމަށް ބެލެވެއެވެ.