ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އެކައުންޓަށް 15،000 ޑޮލަރު (231،300 ރުފިޔާ) ޖަމާކޮށްފައިވާނެ ކަމަށާއި، އެއީ އެއްވެސް ޕްރޮޖެކްޓަކާއި ގުޅުން ހުރި ފައިސާއެއް ނޫން ކަމަށް ސީލައިފް މޯލްޑިވްސް އިން ބުނެފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް މައުލޫމާތު ދެއްވަމުން، ސީލައިފް މޯލްޑިވްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 2014 މާޗް ގެ ތެރޭގައި އެ ކުންފުނީގެ އެކައުންޓުން 15،000 ޑޮލަރު ޖަމާކުރީ އެ ކުންފުނީގެ އެމްޑީ، މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ ކާރެއް ރައީސް ޔާމީންގެ ހަރަދުގައި އެކި ފަހަރުމަތިން މަރާމާތުކޮށްފައި ވާތީ، އެ ފައިސާ އަނބުރާ ދިނުމަށް ޔާމީން އެދިވަޑައިގަތުމުން އައްމަޓީގެ އެދުމަކަށް ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ މާކުރިން ކޮށްފައިވާ އަމިއްލަ ވިޔަފާރީގެ މުއާމަލާތަކާ ގުޅޭ ފައިސާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި ފްލެޓް އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި ސީ ލައިފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގު ކުރަމުން އަންނަކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އޭސީސީ އިން ބުނީ ސީ ލައިފްއާ ގުޅޭ މައްސަލައެއް ތަހުޤީޤު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މައްސަލައަކީ ތަހުޤީޤު ކުރަމުން އަންނަ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.
އެކޮމިޝަނުން ވަނީ ތިން މަޝްރޫއަކުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިި ކަމަށް މިދިޔަ ހަފްތާގައި ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީ ލައިފުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ، ލިއުންތަކުގައިވާ 2014 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެއީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް އާއި އެޗުޑީސީން ސޮއިކުރި ދުވަސްވަރުވެސް މެއެވެ. އެ މަޝްރޫއަކީ ބީލަމަށް ނުލައި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެން ކުރިއަށް ގެންދަން އުޅުނު މަޝްރޫއުއެކެވެ.