ރާއްޖޭގެ ކަނޑުތަކުގައި ދާއަޅަން ހުއްދަދީފިނަމަ މަސްވެރިން ބަނޑަށް ޖެހި ލައިގެންކާނެ މަސްވެސް ޖެހޭނީ ބޮޑު އަގުގަ ގަންނަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ދާއެޅުމުގެ މަސައްކަތް ކުރެވޭނީ މަލްޓިމިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ކަމަށާއި އެކަން ކުރުމުގެ ޤާބިލުކަން ދިވެހި މަސްވެރިންނަށް ލިބިފައި ނެތް ކަމަށެވެ. އެހެންކަމުން އެކަމުގެ ފައިދާ ލިބިގެންދާނީ ބޭރުގެ ކުންފުނިތަކަކަށް ކަމަށެވެ.
"ވާހަކަ އަޑުއަހައިލަން ވަރަށް ފަސޭހަ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ އަބަދުވެސް ރާއްޖޭގެ މަސްވެރިކަމަކީ ސަރުކާރުން ހިފަހައްޓާފަ އޮންނަ ކަމެއް. ނަމަވެސް މަސްވެރިކަމުގެ ސިނާއަތުގަ ކުރިއަށް ދިއުމުގެ ފުރުޞަތު ދެއްވާނެ ކަމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ. އަޅުގަނޑުމެން މިހާރު މިތިބީ އެކަމުގެ ވަރަށް ބޮޑު އުންމީދާއެކު. މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ސަރުކާރުތަކުން ވަރަށް ގިނަ ފައިސާ ހޭދަކުރޭ. އެކަން ޙައްލުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފެށްޓެވި މަސައްކަތްޕުޅުތަކަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން."
ޤާސިމް އިބްރާހީމް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުަކަމަށްް ބުނަމުން އައި ނަމަވެސް ފަތުރުވެރިކަމަކީ ރަންބިސް އަޅާ ކުކުޅު ކަމަށްވެގެން ދިއުމުން މަސްވެރިކަމަށް ދަތިތައް ކުރިމަތިވެ މައްސަލަތައް ވަނީ ކުރިމަތިވެފައި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކޮންޓްރޯލްކުރާ މައިމަރުކަޒަކީ ބެންކޮކް ކަމަށްވެފައި އޮތުމުން ރާއްޖެއަށްވެސް ކުރިމަތިވެފައިވާ މައްސަލަތައް ވަރަށް ގިނަ ކަމަށެވެ. އަދި އެކަމުން ދިވެހި މަސްވެރިން ހިމާޔަތްކުރުމަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރުމަކީ ސަރުކާރަށް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ދިވެހި މަސްވެރިން ހިމާޔަތްކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"ލޭނު އެޅުމާއި ދައު އެޅުމަކީ ދިވެހި މަސްވެރިކަމަށް ގެއްލުން ހުރި ކަންކަން. އެއްގޮތަކަށްވެސް ރާއްޖޭގެ ސަރަހައްދުގަ އެކަންކަން ކުރަން ހުއްދަކޮށްގެން ނުވާނެ. ސީޝެލްސް އާއި މޮރިޝަސްގައި އެކަންކަން ކުރި ނަމަވެސް ރާއްޖޭގައި ހުއްދަކޮށްފިނަމަ ފެތުރިފައިވާ ރާއްޖޭގެ ރަށްތަކުގެ މަސްވެރިންނަށް ލިބޭނެ ނިކަމެތިކަމަކީ އިންތިހާ ދަރަޖައިގެ ބޮޑު ނިކަމެތިކަމެއް. އެކަން ވެގެންދާނީ ދިވެހި މަސްވެރިން ބަނޑަށް ޖެއްސުން ފަދަ ކަމަކަށް. މިވާހަކަތައް މިދައްކަނީ މަސްވެރިކަމަށް އިންވެސްޓްކޮށްގެން ހުރި މީހެއްގެ ހައިޞިއްޔަތަކުން ނޫން. ދިވެހިރައްޔިތުންގެ ޙައްޤުގަ ދައްކަން ޖެހޭ ކޮންމެ ވާހަކައެއް އަބަދުވެސް ދައްކާނަން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.