ފަތުރުވެރިކަމަށް ކުޑަ އަދަދުން އިންވެސްޓްކުރުމުން ލިބޭ ފުރުޞަތު މަސްވެރިކަމަށް ބޮޑު އަދަދުން އިންވެސްޓްކުރުމަކުން ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ބޮޑު އަދަދެއްގެ ފައިސާ އިންވެސްޓްކޮށްގެން ނޫނީ އީޔޫ އިން ޤަބޫލުކުރާ ފެންވަރަށް މަސްބަންދުކޮށް އެކްސްޕޯރޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމާއިއެކުވެސް ބޮޑެތި އަދަދުތަކުން އިންވެސްޓްކުރުމަށް އިންވެސްޓަރުންނަށް ދަތިތައް އެބަހުރި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ކިތަންމެ ގިނަ އަދަދެއްގެ ފައިސާ މަސްވެރިކަމަށް އިންވެސްޓްކުރި ނަމަވެސް ރިކަވަރކުރަން ލިބެނީ 25 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި
ޓޫރިޒަމްގެ ދާއިރާއަށް މާ މަދު އަދަދުތަކުން އިންވެސްޓްކުރުމުން 50 އަހަރު، 99 އަހަރު އެބަ ލިބޭ ކަމަށެވެ. "ނަމަވެސް މަސްވެރިކަމަށް 150 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ ގިނައިން އިންވެސްޓްކުރި ނަމަވެސް އެފަދަ ފުރުޞަތެއް ނުލިބޭ."
ހުރި ދަތިތަކާއިއެކުވެސް ރާއްޖޭގެ މަސްވެރިކަމަށް އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ވިލާ ގްރޫޕުންނެވެ. ރިޒޯޓް ތަރައްޤީކުރާން ރަށްތައް ލިބިފައި ހުރެމެ، ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރިނަމަ ބޮޑު ފައިދާ ލިބޭނެ އިރުވެސް މަސްވެރިކަމަށް އެހައި ބޮޑެތި އަދަދުތަކުން އިންވެސްޓްކޮށްފައިވަނީ މަސްވެރިކަމަކީ ދިވެހި ރައްޔިތުންގެ އެންމެ ގިނަ ބައަކު ކުރަމުން އަންނަ މަސައްކަތްކަމުގައިވުމުން މަސްވެރިންނަށް މަންފާ އިތުރުކޮށްދިނުމަށްކަން ފާހަގަކުރެވެއެވެ.