ހޮޓެލް ޖެންގައި މިއަދު ރަސްމިއްޔާތެއް ބާއްވައި ބްރީތްލައިފް ކެމްޕޭން އިފްތިތާހުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ވައިނުސާފުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތައް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ތައްޔާރުކުރެވިފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އިފްތިތާޙް ކުރުމާއި ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާ (ޑަބް.ލިޔު.އެޗް.އޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ.
މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ. އަދި މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް އަދި ޑަބްލިޔު. އެޗް.އޯ ގެ ރީޖަނަލް ޑިރެކްޓަރ ފޯރ ސައުތު އީސްޓް އޭސިއާ ޑރ. ޕޫނަމް ކެތްރަޕަލް ސިންގް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ، އަރަވިންދް މާތުރް، ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު މުނީރް ސަފީލްދީން އަދި އެހެނިހެން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވައި ނުސާފު ވުމުގެ ސަބަބުން ޞިއްހަތަށް ލިބޭ ގެއްލުންތަކާބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއި ރާއްޖޭގެ މިހާރުގެ ހާލަތު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ދައްކާފައިވެއެވެ. މީގެ އިތުރުން ނައިބު ރައީސް އޮނަރަބަލް ފައިސަލް ނަސީމްގެ ވާހަކަ ފުޅުގައި ރާއްޖޭގެ ރައްޔިތުން ދިރުއުޅޭ ރައްތަކަކީ ޞިއްހަތަށް ގެއްލުންހުރި ވިހަ މާއްދާތަކުގެ ސަބަބުން ތަޣައްޔަރުވެފައި ނުވާ ތަންތަން ކަމުގައި ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކުން އަހައްމިއްޔަތުކަން ދޭންޖެހޭކަން ފާހަގަ ކުރެއްވިއެވެ. އަދި ހަލުވި ދުވެލީގައި ތަރައްޤީ ވަމުން އަންނަ މާލޭ ސިޓީ މިހާރު އޮތް ހާލަތު ބަދަލުކޮށް އަންނަން އޮތް ޖީލުތަކަށް ސާފުވައި ލިބޭނެ މާހައުލެއް ޤާއިމުކުރުމަށްޓަކައި ދުރުރާސްތާ ޕްލޭންތަކާއެކު ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލާ ވާހަކަފުޅު ދެއްކެވިއެވެ. އަދި މިފަދަ ކޮންމެ މަސައްކަތަކީ އެތަނެއްގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން މެނުވީ ނުކުރެވޭނެ ކަމެއްކަން ފާހަގަކޮށް އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް މިކަމުގައި ޝާމިލުވެ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. އަދި މީޑިއާ ތަކުން އަބަދުވެސް ސައްޙަ ރަގަޅު މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމަށް ބާރުއެޅުއްވިއެވެ.
މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނުގެ ވާހަކަ ފުޅުގައި ރާއްޖޭގައި ވައި ނުސާފު ވުމަށް ދިމާވާ ބައެއް ސަބަބުތައް ފާހަގަ ކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ބޮޑެތި ފެކްޓަރީ ތަކެއް ނެތް ނަމަވެސް ރާއްޖޭގެ ތިމާވެއްޓަކީ ރައްކާތެރި މާހައުލެއް ނޫންކަން ފާހަގަކޮށް ވައި ނުސާފުވުމަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަށް ބާރުއެޅުއްވިއެވެ. އަދި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ޞިއްހީ ނުރައްކަލަކީ ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާއި، ސްޓްރޯކް އަދި ހިތުގެ ބަލިތައްފަދަ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުންކަން ފާހަގަކޮށް ވައި ތަޣައްޔަރުވުން ކުޑަކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.
މި ބައްދަލުވުމުގައި މަދުރަސަތުލް އަމީރު އަޙްމަދު ޕްރީސްކޫލް އެސް.ކޭ.ޖީ. ކުދިންގެ ހާއްސަ އައިޓަމެއް އެޅުނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުއްމީދަކީ މި ބައްދަލުވުމުގައި އިފްތިތާޙުވެގެންދިއަ ނޭޝަނަލް ބްރީތް ލައިފް އެކްޝަން ޕްލޭންގައިވާ ކަންކަން ޙާޞިލް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ ގުޅިގެން ކުރާ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަންލިބި ވައި ތަޣައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވެފައިވާ ގައުމެއް ކަމުގައި ވެގެން ދިއުމެވެ.