ނ. އަތޮޅު މަދަރުސާގެ ގްރޭޑް އެކެއް އަދި ގްރޭޑް ދޭއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
ނ. އަތޮޅު މަދަރުސާގެ އެދުމުގެ މަތިން ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި ފްލޯޓް ކުރުމާއި ކިކް ޖަހާނެ ރަނގަޅު ގޮތްތަކާއި ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދެވޭނެއެވެ. އަދި މޫދުގައި އުޅޭ އިރު ސަމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ޖުލައި 14 ން ފެށިގެން ދެހަފްތާގެ މުއްދަތައް ކުރިއަށްގެންދާ މިޕްރޮގްރާމުގައި، ނ. އަތޮޅު މަދަރުސާގެ ގްރޭޑް އެކެއް އަދި ގްރޭޑް ދޭއްގައި ތަޢުލީމު ހާސިލްކުރަމުންދާ 80 ދަރިވަރަކު ބައިވެރިވެފައިވެއެވެ.
އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ ސްކޫލުތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުން ސްކޫލްތަކާ ގުޅިގެން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ