މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި، އަރިދަފުސް ރޯގާ ބޭރަށް ހިންގުން އަދި ވައިރަލް ފީވަރ އިތުރުވަމުންދާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާތީ އެކަމަށް ސަމާލުވުމަސް އިލްތިމާސްކޮށްފިއެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާއްމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީޢާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ކަމަށާއި އަދި މަދުންނަމަވެސް ޑެންގީ ޗިކުން ގުންޔާ ފަދަ ބަލިތައް ވެސް ދަނީ ރިޕޯރޓް ކުރެވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ބަލިތަކަކީ ފަސޭހައިން ފެތުރެމުންދާ ބަލިތަކަށް ވެފައި ދުރާލާ ރައްކާތެރިވެ ތިބުމަށް ހާއްސަ ސަމާލުކަމެއް ދެއްވައި ތިރީގައިވާ އިރުޝާދުގެ މަތިން އަމަލުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
· އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.
· ޢާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން.
· ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
· ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.
· ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
· ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމެވެ. އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
· ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން
· އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ކުދިން ސްކޫލަށް ނުގެންދިޔުން.
ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
· ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
· ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
· ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.
· ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން.
· ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން.
· ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން.
· ތަނުގައި އުފެދޭ ކުނި ރައްކާކުރުމުގައި އެކަށީގެންވާ ސައިޒުގެ މަތިޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި، ވީހާވެސް އަވަހަށް ކުނި އުކާލުން.
· ބޭރަށް ހިންގުމުގެ އަލާމަތެއް ފެނިއްޖެނަމަ ކުދިން ސްކޫލަށްނުގެންދިއުން.
ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ
· ގިނަގިނައިން ލޮނުޕެކެޓު (އޯ.އާރ.އެސް)، ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރިދިނުން ކުރިއަށް ގެންދިޔުން
· ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވުން ،ކުޑަކަމުދެވޭމިންވަރު މަދުވުން ، ގިނަގިނައިން ހޮޑުލެވުން އަދި ލެވޭހޮޑުގައި ލޭގެ އަސަރު ހުރުން، ބޮޑުކަމުދެވޭތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ޚިލާފަށް ބަނޑުގައިރިއްސާ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން.
· ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ 2 ދުވަސް ވަންދެން، ސްކޫލު ކުދިން ސްކޫލަށް ނުފޮނުވާ، މަސައްކަތަށް ނުނިކުންނަވާ ގޭގައި އަރާމު ކުރުން.
· އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރުން.
ޑެންގީ އަދި ޗިކުންގުންޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި:
1. މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން. ރެޕެލެންޓް ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިއްމު.
2. ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން. މިއީ މަދިރި އެންމެ ގިނަވާ ވަގުތުތައް.
3. ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން، މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވެގެން ދެއެވެ.
ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ
· އަރާމު ކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުންވެސް ރައްކާތެރި ކޮއްދެއެވެ.
· ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން؛
- ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ހިމެނެއެވެ.
· ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެއެވެ. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.