މިސަރުކާރާ އެކު އަބަދުވެސް ދެމިތިބޭނަން: ޖުމްހޫރީ ޕާޓީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިސަރުކާރާ އެކު އަބަދުވެސް ދެމިތިބޭނަން: ޖުމްހޫރީ ޕާޓީ

ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާނަމަ މިސަރުކާރާ އެކު ޖޭޕީ އަބަދުވެސް ދެމިތިބޭނެ ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖޭޕީން މިހެން ބުނެފައިވަނި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމާ ގުޅިގެން އެޕާޓީ ވަރުގަދަ ކުރުމަށް އެހީތެރިވާން ޖޭޕީން އުޅޭ ކަމަށާއި އަދި ޖޭޕީއަކީ ޕީޕީއެމް ފިކުރުގެ ޕާޓީއެއް ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އަދިވެސް އޮތީ ސަރުކާރުގައި ހިންގާ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާނަމަ މިސަރުކާރާ އެކު ޖޭޕީ އަބަދުވެސް ދެމިތިބޭނެ ކަމުގައެވެ.

ހުސައިން ވިދާޅުވީ މިސަރުކާރު ވުޖޫދަށް އައީ ޖޭޕީ ހިމެނޭ ގޮތަށް އެކުލަވާލި ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެ ނިންމުމަށް ޖޭޕީން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި ޖޭޕީން ކަމެއް ނިންމާނަމަ ނިންމާނީ ޕާޓީގެ ކައުންސިލުގެ މަޝްވަރާގެ މަތިން ކަމަށާ ސަރުކާރާ ވަކިވުމުގެ އެއްވެސް މަޝްވަރާއެއް ޖޭޕީގެ ކައުންސިލްގައި ކުރަމުން ނުދާ ކަމަށެވެ.

މީގެއިތުރުން ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީން ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށާއި ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރަނީ ގައުމުގެ ހަމަޖެހުމަށް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ކުރިންވެސް އޮތީ އަދި މިހާރުވެސް މިއޮތީ އިސްލާހީ ފިކުރާ އެކު ކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފަ އެވެ. 

 

 

މިއަދު އޮންލައިން