ރައީސް ޔާމީންގެ ޝަރީއަތް: "އިސްލާމިކް ބޭންކުގައި ހުރި ފައިސާގެ ބަދަލުގައި އެހެން ފައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި"

ކިޔުމަށް ހޭދަވާނީ 2މ 1ސ
ރައީސް ޔާމީންގެ ޝަރީއަތް: "އިސްލާމިކް ބޭންކުގައި ހުރި ފައިސާގެ ބަދަލުގައި އެހެން ފައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި"

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި، ދައުލަތުން ބުނެފައިވަނީ އެއް މިލިއަން ޑޮލަރު، އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެއްބަސްވުމަށްފަހު އޮޅުވާލައި، އިސްލާމިކް ބޭންކުގައި ހުރި ފައިސާގެ ބަދަލުގައި އެހެން ފައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށެވެ.

 

ދައުލަތުން ބުނީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ ހާލަތުގައި އެފައިސާ ޔާމީން ވަނީ އިންވެސްޓްމެން އެކައުންޓަކަށް ޓްރާންސްފާރ ކޮށްފައި ކަމަށެވެ. އެހެންކަމުން އެއީ ޤާނޫނުގައި ބުނާ ގޮތަށް ބަލާއިރު މަނީ ލޯންޑަރިންގެ ކުށެއް ކަން ވެސް ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

 

މިވާހަކަތަކަށް ރައްދު ދެއްވާ ޔާމީންގެ ވަކީލު އާސިފު ވިދާޅުވީ، މަނީ ލޯންޑަރިންގެ ޤާނޫނުގައި ބުނާ މާއްދާތައް އަކުރުން އަކުރަށް ލިޔެފައި ހުރިނަމަވެސް ދައުވާގެ ސީޣާގައި ކުށެއް ކުރެއްވި ކަމަށް ބުނެފައި ނެތް ކަމަށެވެ.

 

ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކި ބަސް ޔާމީނާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށާއި އެ ދެ ބޭފުޅުންނަކީ ވެސް ޖިނާއީ ކުށް ސާބިތުވެފައިވާ މީހުން ކަމަށް ޔާމީންގެ ވަކީލު ޝިޔާޒް ވިދާޅުވިއެވެ.

 

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މިދައުވާގެ ޝަރީއަތުގެ އަޑުއެހުން ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަހުމަދު ހައިލަމް އެވެ.

 

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން އޭސީސީއާ އެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް، އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ.

 

 

މިއަދު އޮންލައިން