ބ. އަތޮޅުން މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ކެނެޑާ މީހެކެވެ. ބ. އަތޮޅު ރަށެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖުލައި 21 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ތިން ރަބަރުގަނޑު މިމީހާގެ އަތުން ފެނިފައިވެއެވެ.
މި މައްސަލައާއި ގުޅިގެން މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.