ހަނިމާދޫގައި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ހަނިމާދޫގައި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

، ހދ. ހަނިމާދޫގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ޖުލައި މަހުގެ 23ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، އެރަށުގެ 22 ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފައިވެއެވެ. އެގޮތުން ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަަމަށް ސަމާލުވެ ރައްކާތެރިވުމާއި އަދި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުންނާއި ފިހާރަ ބަންދުކުރާއިރު ފިހާރާގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމަށް ނަސޭޙަތްތެރިވެފައިވެއެވެ. އަދި ފިހާރަތަކުގައި ސީސީޓިވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.

މީގެއިތުރުން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ރަށުގައި ކުށްމަދު ކުރުމާއި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތީކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށް ފުލުހުންނާ ވިޔަފާރިވެރިންނާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެއެވެ.

މިއަދު އޮންލައިން