މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާވިއްކުން ނުވަތަ އިނިޝިއަލް ޕަބްލިކް އޮފަރިންގ (އައިޕީއޯ) ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
އެމްއައިބީގެ އައިޕީއޯ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އަބްދުﷲ އަމީރެވެ.
އެމްއައިބީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް ހިއްސާ ވިއްކަން ނިންމާފައިވާއިރު، ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެއެވެ. ކޮންމެ ފަރާތަކަށްވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާއެވެ. މި އަދަދު އިތުރު ކުރަން ބޭނުންނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެއެވެ.
އެމްއައިބީ އިން ބުނީ އައިޕީއޯ ފަރުމާކޮށްފައިވާނީ އާންމުންނަށް ފަސޭހައިން ހިއްސާ ގަނެވޭނެހެން ހެޔޮ އަގެއްގައި ކަމަށާއި ހިއްސާ ވިއްކުމަށް ހުޅުވާލާނީ މިމަހުގެ 28 ވަަނަ ދުވަހުއެވެ. އެގޮތުން މި ފުރުސަތުގެ ދަށުން ހިއްސާ ގަތުމުގެ ފުރުސަތު 18 ސެޕްޓެމްބަރާއި ހަމައަށް ހުޅުވާލާނެއެވެ.