ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ވެލިޑޭޝަން ވަރކްޝޮޕް ބާއްވައިފިއެވެ.
މިސަރުކާރުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ސާފު ރައްކާތެރި ފެން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކޮންމެ ގެއަކަށް ފެނުގެ ވިއުގަ މެދުވެރިކޮށް ފެން ފޯރުކޮށްދިނުން ހިމެނެއެވެ.
މިގޮތުން މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ރަށްރަށަށް ކުރިމަތިވާ ފެނަށް ޖެހުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި ގުދުރަތީ އަދި އެހެނިހެން ކާރިސާތަކަށް ބަލައި ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ޤައުމީ ފެންވަރުގައި ތަންފީޒުކުރެވޭނެ ވޯޓަރ ސެކިއުރިޓީ ޕްލޭނެއް ތައްޔާރުކުރުމަށް ފަށާފައެވެ.
މިއަދު ޗަންޕާ ސެންޓްރަލް ހޮޓެލްގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދާ ދެ ދުވަހުގެ މި ވަރކްޝޮޕްގެ އަލީގައި، ފެނާއި ނަރުދަމާގެ ދާއިރާގެ ކަމާއިބެހޭ ވުޒާރާތަކުގެ ހިޔާލުތަކާއި ލަފާގެ މަތިން ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭން ވެލިޑޭޓްކުރެވިގެން ދާނެއެވެ.
މި ވަރކްޝޮޕް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް އަހްމަދު މުޖްތަބާއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް ޑރ. އަބްދުﷲ ނަސީރު އާއި ރާއްޖެގައި ފެނާއި ނަރުދަމާއި ޚިދުމަތްދޭ ޔުޓިލިޓީ ކުންފުނިތަކާއި ޔޫ.އެން އޯގަނައިޒޭޝަންތަކާއި އަދި ފެނުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި އެކިއެކި މިނިސްޓްރީތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.