އަޅުގަނޑުމެން އެންމެންގެ ލޮބުވެތި ދިވެހި ޤައުމަށް މިނިވަންކަން ލިބުނުތާ 54 އަހަރު ފުރުން ފާހަގަކުރާ މިއުފާވެރި މުނާސަބަތުގައި އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް މަރުޙަބާ އާއި ތަހުނިޔާ އަރިސްކުރަމެވެ. ހަމަ މިނޭވާގައި ދިވެހި ޤައުމަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް އެތައް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި، ޤްރްބާންވެވަޑައިގެންނެވި ހުރިހާ އަބްޠާލުންނާއި ޤައުމުގެ މިނިވަންކަން ދިފާޢުކޮށް މިއަދާއި ހަމައަށް ވާސިލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވެވި އެންމެހައި އަބްޠާލުންގެ ހަނދާން އައުކޮށް ޝުކުރާއި ތަޢްރީފް އަރިސްކުރަމެވެ.
ދުނިޔެއަށް ކުރިމަތިވަމުން އަންނަ މައްސަލަތައް ރާއްޖެއަށްވެސް މިދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ބަލާއިރު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިންގެ ދީނީ ވަޙްދަތު ހިމާޔަތްކުރުމަށާއި ދީނީ އެއްބައިވަންތަކަން ނަގަހައްޓައި ދަމަހައްޓަން ކުރިމަތި ކުރުވަމުންދާ ގޮންޖެހުންތަކެވެ. ޒަމާނުންސުރެ ދިވެހިންގެ ރާއްޖޭގެ ގޮތުގައި އޮތް ދިވެހި ޤައުމު، އެގޮތުގައި ދެމިއޮތަ ނުދިނުމަށް ކުރިމަތިކުރުވަމުން ގެންދާ ގޮންޖެހުންތަކެވެ.
މިހުރިހާ މައްސަލަތައް ވެސް ކުރިމަތިކުރުވަމުން ގެންދަނީ ފިކުރީ ހަނގުރާމައިގެ ތެރެއިންނެވެ. ދިވެހިންގެ ބައެއްގެ ވިސްނުން ބަދަލުކުރުވައިގެން އެމީހުން މެދުވެރިކޮށްގެންނެވެ. ވީމާ މިއީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތަކުވެސް ފުންކޮށް ވިސްނަން ޖެހިފައިވާ އެންމެ ބޮޑު މައްސަލައެވެ.
ރައްޔިތުންނަށް ލިބިފައިވާ ޙައްޤެއް ދޫކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. މައްސަލަތައް ކުރިމަތިވާނީ ޙައްޤު ދޫކޮށްލުމަށްފަހު ލިބޭ ގެއްލުން ބޮޑުވެ ތަޙައްމަލު ނުކުރެވިގެން އަނބުރައި ހޯދަން މަސައްކަތްކުރަން ޖެހޭ ދުވަހުއެވެ. ވީމާ ކުރާ ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނީ އެކަމާއިމެދު ވަރަށް ބޮޑަށް ވިސްނައި ފިކުރުކޮށްގެންނެވެ. ކުރެވުނު ކަންތަކާއިމެދު ފަހުން ރޮއި ހިތާމަކުރަން ނުޖެހޭނެ ގޮތަށެވެ.
ޤައުމަށްޓަކައި ކުރާ ކޮންމެ އިންވެސްޓްމަންޓަކީ އެކަމުން އެމީހަކަށް ބޮޑު ނަފާއެއް ލިބޭނެ އިންވެސްޓްމަންޓަކަށް ނުވެދާނެއެވެ. ނަމަވެސް އެމީހަކަށް ވެވުނު ވަރަކުން އެމީހަކަށް ކުރެވެން އޮތް ކަމެއް ކޮށްދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އެންމެ ބޮޑު މަސްއޫލިއްޔަތުކަމުގައި ދެކެގެން ނޫނީ ޤއުމުގެ މިނިވަންކަން ދިފާޢުކުރުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ.
މިކަންކަމަށް ކުރިއާލައި ވިސްނައި އަޅުގަނޑު ވެސް ވާނީ އަޅުގަނޑަށް ކުރެވެން ހުރި ވަރަކުން ވަރަށް ގިނަ މަސައްކަތްކޮށްފައެވެ. އަދި މިހާރުވެސް މިގެންދަނީ އެ މަސައްކަތްކުރަމުންނެވެ. އެގޮތުން ޤައުމުގެ ކަންކަން ކުރިއަރުވާނެ ޤާބިލު ޢިލްމީ ޒުވާނުން ބިނާ ކުރުމަށް އަބަދުވެސް މިގެންދަނީ މަސައްކަތް ކުރަމުންނެވެ. ތައުލީމާއި ތަމްރީނު ލިބިގެން ތިބި ޒުވާނުންގެ ކިބައިން އަޅުގަނޑު އެދެނީ މި ދިވެހި ޤައުމަށް މިހާރުވެސް ކުރިމަތިވެފައިވާ މައްސަލަތަކުން ޤައުމު ސަލާމަތްކޮށް މި ދިވެހިރާއްޖެއަކީ ދިވެހި ރައްޔިތުންގެ ރާއްޖެއެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދިނުމަށެވެ. އަޅުގަނޑުމެންނާއި އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައެވެ.
މިޒަމާނުގައި ބާރުގަދަ، ފުދުންތެރި ޤައުމުތަކުން، ޤައުމުތައް އަޅުވެތިކުރުވަނީ އިޤްޠިޞާދީ ގޮތުން އަޅުވެތި ކުރުވައިގެންނެވެ. ވީމާ ދިވެހި ޤައުމުގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައިވެސް އެންމެ މުހިންމު އެއްކަމަކީ ދިވެހިރާއްޖެއަކީ އިޤްޠިޞާދީ އަޅުވެތިކަމުން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމެވެ. ހަމަ އެއާއިއެކު ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށް ނަގަހައްޓައި ދެމެހެއްޓުމަކީ ޤައުމުގެ މިނިވަންކަމަށްޓަކައި އެންމެ މުހިންމު އަސާސެވެ.
ކުރިމަތިވަމުން އަންނަ މައްސަލަތައް ޙައްލުކޮށް ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ޤައުމުގެ ހުރިހާ ރައްޔިތުންގެ އިޚްލާޞްތެރި މަސައްކަތުންނެވެ. ބިރުވެތިވާންވީ މާތް ﷲ އަށެވެ! ވަފާތެރިވާންވީ ޤައުމަށެވެ! ތެދުވެރިވާންވީ ރައްޔިތުންނަށެވެ! ލޯބިވާންވީ ޤައުމު ދެކެއެވެ! ރައްޔިތުން ދެކެއެވެ! ޤައުމުގެ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓޭނީ ހުރިހާ ރައްޔިތުންވެސް އެކަންކަން ފުރިހަމަކޮށްގެންނެވެ!
މިލޮބުވެތި ދިވެހި ޤައުމު މިނިވަންކަންމަތީގައި އަބަދަށް!
- ޤާސިމް އިބްރާހީމް