ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބު ފެށިގެން ކުރިއަށް އެބަދެއެވެ.
ޖޭއެސްސީއަށް ގާނޫނީ ވަކީލުންގެ ތެރެއިން މެމްބަރެއް ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓްލުން ފަށާފައިވަނީ، މިއަދު ހެނދުނު 9:00 ހާއިރެވެ.
އެގޮތުން ޖޭއެސްސީއަށް ވަކީލަކު ހޮވަން ބާއްވާ އިންތިހާބުގައި ފޮށި ބަހައްޓާފައިވަނީ މާލޭގައި ޖަމާލުއްދީން ސްކޫލް ގައާއި އައްޑޫގައި ޝަރަފުއްދީން ސްކޫލް ގައެވެ. ޖަމާލުއްދީން ސްކޫލްގައި ދެ ފޮށި ބަހައްޓާފައިވާއިރު ޝަރަފުއްދީން ސްކޫލްގައި ބަހައްޓާފައިވަނީ އެއް ފޮށްޓެވެ.
އެ އިންތިހާބު ކުރިއަށް ގެންދަނީ، އިލެކްޝަންސް ކޮމިޝަނުގެ އެހީތެރިކަމާއިއެކު ބާ ކައުންސިލުންނެވެ.
ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން މެމްބަރެއް ހޮވުމަށް އިއުލާންކުރުމުން، އެ މަގާމަށް ހަ ވަކީލަކު ވަނީ ކުރިމަތި ލައްވާފައެވެ.