ރިޔާސީ އިންތިހާބުގެ ނަތީޖާ އަދިވެސް ޤަބޫލުފުޅު ކުރައްވަން ޔާމީނަށް ދަތިވުމުން ޝަރީފްގެ ރައްދު، "ކުރުވާހަކަ މުބާރާތުގަ ބައިވެރިކުރަން ރަނގަޅު ވާހަކައެއް!"

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރިޔާސީ އިންތިހާބުގެ ނަތީޖާ އަދިވެސް ޤަބޫލުފުޅު ކުރައްވަން ޔާމީނަށް ދަތިވުމުން ޝަރީފްގެ ރައްދު، "ކުރުވާހަކަ މުބާރާތުގަ ބައިވެރިކުރަން ރަނގަޅު ވާހަކައެއް!"

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގަތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އެއިންތިހާބުގެ ނަތީޖާ ޤާބޫލުފުޅު ކުރައްވަން އަދިވެސް ދަތިކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ވަަޑައިގަތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުވާލުންތަކާ ހެދި ކަމަށެވެ.

ރައީސް ޔާމީންގެ މިވާހަކަފުޅުތަކުގެ ރައްދެއްގެ ގޮތުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެއީ "ކުރުވާހަކަ މުބާރާތުގަ ބައިވެރިކުރަން ރަނގަޅު ވާހަކައެއް" ކަމަށެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވުމުން ރައީސް ޔާމީނަށް ތާއީދުކުރައްވާ ސިޔާސީ ބައެއް ބޭފުޅުން ވަނީ އީސީގެ ރައީސް އަށް ނުރުހުމުގެ އެތައް ރައްދެއް ފޮނުވާ، "ކުރުވާހަކަ ދައްކާލާނެ" ކަމަށް ވެސް ބުނެފައެވެ.

އެގޮތުން ރައީސް ޔާމީންގެ އިސް އެއް ބޭފުޅެއް ކަމަށްވާ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ އީސީގެ ރައީސްގެ އެފަދަ ޓްވީޓްތަކުން އެކޮމިޝަންގެ އިންޓެގްރިޓީ އާއި މިނިވަންކަމާމެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމަށެވެ.

"އީސީ ގެ މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ޙަގީގަތާއި ޚިލާފު ވާހަކަ ދައްކާނަމަ އެއަށް ރައްދު ދޭން ޖެހޭ. ޕީޕީއެމް އިން ނުވަތަ ރައީސް ޔާމީން ދައްކަވާ އެހެން ވާހަކަތަކަށް އީސީގެ ފަރާތުން އެއްޗެއް ނުބުނަމެއްނު" ޚަލީލަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން