ވާދޫ ޖަމާލުއްދީން ސްކޫލްގައި ކުރިއަށްގެންދިޔަ ‘ކޭމްޕް ފުރާވަރު’ ނިންމައި ބައިވެރިންނަށް ސެޓުފިކެޓު ދީފި

ކިޔުމަށް ހޭދަވާނީ 4މ 14ސ
ވާދޫ ޖަމާލުއްދީން ސްކޫލްގައި ކުރިއަށްގެންދިޔަ ‘ކޭމްޕް ފުރާވަރު’ ނިންމައި ބައިވެރިންނަށް ސެޓުފިކެޓު ދީފި

ސްކޫލް ދަރިވަރުންގެ އަޙުލާޤާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ގދ. އަތޮޅު ޕޮލިސް ގުޅިގެން، ގދ. ވާދޫ ޖަމާލުއްދީން ސްކޫލްގައި ކުރިއަށްގެންދިޔަ "ކޭމްޕް ފުރާވަރު" ގެ 75ވަނަ ކޭމްޕް ނިންމައި ބައިވެރިންނަށް ސެޓުފިކެޓު ދީފިއެވެ.

ވާދޫ ޖަމާލުއްދީން ސްކޫލްގައި މިކަމަށްޓަކައި ޖުލައި 27 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ހެޑް އޮފް ސްޕެޝަލިސްޓް ޑައިރެކްޓަރޭޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދެވެ.

މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަހުމަދު ދެއްކެވި ވާހަކަ ފުޅުގައި، ކޭމްޕުގައި އުނގަންނައިދިން ފިލާވަޅުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި އެކަންތައްތައް އަމިއްލަ ނަފުސުގައި އަށަގެންނެވުމަށް ދަރިވަރުން އަމިއްލައަށް މަސައްކަތްކުރުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވިއެވެ. އޭގެ އިތުރުން، ދަރިވަރުންގެ ބެލެނިވެރިންވެސް، އެކުދިންގެ އުޅުމަށާއި ސުލޫކަށް އައިސްފައިވާ ބަދަލުތައް މޮނިޓަރކޮށް އެކަންތައްތައް ދެެމެހެއްޓެނިވި ގޮތެއްގައި  އެކުދިންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުމަށާއި ކުދިންގެ ކިބައިގައި އިސްލާމްދީނުގެ ރިވެތި ސިފަަތައް އަށަގެންނެވުމަށް މަސައްކަތްކުރުމަށް، ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ. އަދި ރަނގަޅުގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި ކޮންމެ ކުއްޖަކީވެސް މުހިއްމު ކުއްޖެއްކަން ދަނެގެން އެ ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

ޖުލައި 25 އިން 27 އަށް ވާދޫ ޖަމާލުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި ކޭމްޕްގައި އެ ސުކޫލްގެ 43 ދަރިވަރުން ބައިވެރިވެ ސެޓުފިކެޓު ހާސިލްކޮށްފައިވެއެވެ.

މިރަސްމިއްޔާތުގައި، ސަދަން ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދާއި އަޕަރ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ އިސްވެރިންނާއި ގދ. ވާދޫގައިހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ޖަމާލުއްދީން ސްކޫލުގެ އިސްވެރިންގެ އިތުރުން ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.

ކޭމްޕް ފުރާވަރަކީ ކޮބާ؟

ކޭމްޕް ފުރާވަރަކީ ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކޭމްޕެކެވެ.

 

އެގޮތުން، ކުށުގެ ނުރައްކަލުން ދުރުވެފައިވާ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތްތައް މި ކޭމްޕްގައި ދަރިވަރުންނަށް ބުނެދެއެވެ.  އަދި އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީ، އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ އަމިއްލަ ނަފުސު ތަރައްޤީކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދެއެވެ.

އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދެއެވެ. އަދި  ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ޤައުމީ ލޯބި އިތުރުކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދެއެވެ.

އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ހިމާޔަތާއި ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދެއެވެ. އަދި ސްކޫލާއި ގޭތެރޭގެ މާޙައުލާއި މުޖުތަމައުގެ ތެރެއިން ދަރިވަރުންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކައުންސިލިން ބޭނުންވާ ދަރިވަރުންނަށް ކައުންސިލިންވެސް މި ކޭމްޕްގެ ތެރެއިން ދެމުންގެންދެއެވެ.

މިއަދު އޮންލައިން