ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑްކޮށް ހުޅުމާލޭ ކޯޓުގައި ވަގުތީ ގޮތުން މަސައްކަތް ކުރައްވާ މެޖިސްޓްރޭޓް ހުސައިން ރަޝީދު ފުވައްމުލަކު ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިސް މެޖިސްޓްރޭޓް ހަސަން ސަސްޕެންޑް ކުރަން ނިންމީ އޭނާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކަމަށާއި އަދި މެޖިސްޓްރޭޓް ހުސައިން ރަޝީދު އޭނާ ކުރިން މަސައްކަތް ކުރެއްވި ފުވައްމުލަކު ކޯޓަށް ބަދަލުކުރަން ނިންމީ އޭނާ ހުޅުމާލޭ ކޯޓަށް ބަދަލުކުރި މަގްސަދު ހާސިލްވަމުން ނުދާތީ ކަމަށެވެ.
މީގެ އިތުރުން، ކޯޓުތަކުގައި ހުރި މައްސަލަތައް ނުނިމި ލަސްވާ ސަބަބު ދެނެގަތުމަށް ޖޭއެސްސީން ފެށި މަސައްކަތުގެ ތެރެއިން ކްރިމިނަލް ކޯޓުގައި ހުރި ގިނަ ދުވަސްވީ މައްސަލަތަކާ ގުޅޭގޮތުން އެ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމައިފައެވެ.
އަލަށް އުފެދުނު ޖޭއެސްސީން ވަނީ ފަނޑިޔާރުންނާއި، ގުޅޭ ގިނަ އަދަދެއްގެ މައްސަލަތައް ފުލުފުލުގައި ބަލާ ފިޔަވަޅު އަޅަން ފަށާފައެވެ.