އިތިއޯޕިއާގަ 1 ދުވަހު ތިންސަތޭކަ ފަންސާސް ތިން މިލިއަން ގަސް އިންދައިފި- ރާއްޖޭގަ ދިހަ ހާސް ދަނޑިއަލުވި ގަސް އިންދަންވީނު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އިތިއޯޕިއާގަ 1 ދުވަހު ތިންސަތޭކަ ފަންސާސް ތިން މިލިއަން ގަސް އިންދައިފި- ރާއްޖޭގަ ދިހަ ހާސް ދަނޑިއަލުވި ގަސް އިންދަންވީނު؟

އިތިއޯޕިއާގައި 1 ދުވަހު 353 މިލިއަން ގަސް އިންދައިފިއެވެ.

މިހާރުވެސް ހައިހޫނުކަމުގެ މައްސަލަ ބޮޑުވެފައިވާ އިތިއޯޕިއާގެ ދަނޑުވެރިކަމާއިބެހޭ ވަޒީރު ވިދާޅުވީ 450 މިލިއަން ގަސް އިންދަން އަމާޒުކޮށް ފަށާފައިވާ މަޝްރޫޢުގެދަށުން މީގެ ކުރިން ވެސް ވާނީ 250 މިލިއަނާއި ކައިރިކުރާ އަދަދަކަސް ގަސް އިންދާފައި ކަމަށެވެ. އަދި މިފަދަ މަޝްރޫޢެއް ހިންގަނީ ބިންގަނޑު ކަނޑައިގެން ދިއުމާއި އަދި އެހެންވެސް ޤްދުރަތީ ކާރިސާތަކާއި ގުޅިގެން ވަރަށް ގިނަ ގަސްތައް ނެތިގެން ދިއުމުން ކަމަށެވެ.

މިއީ ރާއްޖޭގެ ދަނޑުވެރިކަމާއިބެހޭ ވަޒީރުވެސް ވިސްނަވައިލެއްވުން މުހިންމު ކަމެއް ކަމަށް ބެލެވެއެވެ. އެއްވެސް ގަސްކާނާއެއް އަދި ރޯވުމުން ފެން ވެސް ދޭން ނުޖެހި ނުހަނު ފަސޭހައިން ރާއްޖޭގައި ހެދޭ ދަނޑި އަލުވި މިހާރު ވަނީ ރާއްޖޭގައި ކުރިން ހުރި ނިސްބަތާއި އަޅައިބަލާއިއރު ހުސްވާން ކައިރިވެފައެވެ. ދަނޑިއަލުވިކިލޯއެއްގެ އަގު އެންމެ ހެޔޮ އިރުވެސް މާރުކޭޓުގައި 50 ވަރަކަށް ރުފިޔާގައެވެ. ރިޒޯޓުތަކަށްވެސް ވިއްކޭނެ ބާވަތެކެވެ.

މީގެ އިތުރުން ދަނޑިއަލުވިއަކީ ހަށިގަނޑަށްވެސް ވަރަށް ފައިދާހުރި ކާނާއެކެވެ. ފަތަކީ ތެލުލައިގެން ކެވޭ ގިނަ ބައަކަށް ވަރަށް މީރު ފަތެކެވެ. ވީއިރު ޚާއްޞަ ކެންޕޭނެއްގެދަށުން ނަމަވެސް ރާއްޖޭގައި ދިހަވަރަކަށް ހާސް ދަނޑި އަލުވި ގަސް އިންދުން ކީއްތޯއެވެ؟

މީގެ އިތުރުން ބަބުކޭލަކީވެސް ހައްދަން އެހައި ފަސޭހަ ބާވަތެކެވެ. ށ. މިލަންދޫ ނަމޫނާ އަކަށް ބަލައި ރާއްޖޭގެ ރަށްތަކުގައި ބަނބުކެޔޮ ގަސް އިތުރުކުރުން ކީއްތޯއެވެ؟ ރާއްޖޭގައި ބަނބުކެޔޮ މަދުވުމުގެ ސަބަބުން މިހާރުވެސް މެދުމިނުގެ ބަނބުކޭލެއްގެ އަގު ހުރީ 60 ރުފިޔާއިން މަތީގައެވެ. ކުޑަ ޖޫސްޕެޓީކޮތަޅެއްގެ ތެލުލި ބަނބުކެޔޮ ލިބެނީ 20 ރުފިޔާއަށެވެ.

ޤައުމުގެ ފުޑް ސެކިޔުރިޓީއަށްވެސް މިފަދަ ކަންކަމުން ފައިދާ ކުރާނެއެވެ. ކާބޯތަކެތި އުފެއްދޭ މިންވަރު ދަށްވެ ކާބޯތަކެތީގެ އަގުތައް ކޮންމެ އަހަރަކުވެސް އުފުލެމުންދާނެ ކަމުގެ އިންޒާރު އެފްއޭއޯއިން ތަކުރާރުކޮށް ދެމުން ގެންދާއިރު އަޑު އިވޭކަމަށް ވެސް ނުހަދައި މިހެން ތިބުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯއެވެ؟

ކުރެވެން ހުންނަ ކަންކަން ކުރުމުގެ ބަދަލުގައި އަބަދުވެސް ކުރަން އުޅޭ މޮޅު ކަންކަމުގެ ވާހަކަ ދެއްކުން ހުއްޓާލައި ކުރެވެން ހުރި ކަންކަން ކުރުމުގެ ވާހަކަ ދައްކައި ކުރެވެން ހުރި ކަންކަން ކުރަން ފަށަން އަދިވެސް ނުވަނީތޯއެވެ؟ މިއީ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޖަވާބު ދެއްވަން ޖެހޭ ސުވާލެއް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން