ފުނަދޫ ސްކޫލުގައި ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 44ސ
ފުނަދޫ ސްކޫލުގައި ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭން ފަށައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުން ހޭލުންތެރިކުރުވައި މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭން ށ. ފުނަދޫ ސްކޫލުގައި ފަށައިފިއެވެ.

ފުނަދޫ ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިޔާތުގައި މިކެމްޕެއިން ފައްޓަވައިދެއްވައި ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްފުޅު ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުން ސަމާލުކަންދީ ހިނގާބިނގާވެ އުޅުމާއި ބައިސްކަލް ދުއްވުމުގައި ސަމާލުކަންދިނުމަށް އެދިލެއްވިއެވެ.

މިރަސްމިއްޔާތުގައި ފުނަދޫ ޕޮލިސް ސްޓޭޝަންގެ އިންޗަރޖް ޕޮލިސް ސްޓާފް ސާރޖަންޓް އަޙްމަދު ސިރާޖް ދެއްކެވި ވާހަކަފުޅުގައި، މަގު ބޭނުންކުރާއިރު އެހެން ފަރާތްތަކުގެ ޙައްޤުތަކަށް ވިސްނުން ބެހެއްޓުމަށާއި ބައިސްކަލް ދުއްވާ ކުދިން، ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށާއި، މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫ ނުވާނޭހެން ޕާކުކުރުމަށާއި، ދުވާރު ހެދިފައިވާ މަގުތަކުގައި ހިނގުމުގައި ދުވާރު ބޭނުންކުރުމަށާއި، އެނޫން މަގުތަކުގައިވެސް މަގުގެ އެއްފަރާތުން ހިނގުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި އަބަދުވެސް އެހެން މީހުންނަށް އިޙުތިރާމު ކުރުމަށާއި ބަސްއަހާ ކިޔަމަންތެރި ވުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވެފައިވެއެވެ.

ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭނަކީ ކޮބައި؟

 

ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭނަކީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވައި މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މިކެމްޕޭނުގައި، ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި ހިނގާބިގާވެ އުޅުމުގައާއި ބައިސްކަލު ފަދަ އުޅަނދުތައް ދުއްވާއިރު ވިސްނަންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދެއެވެ. އަދި އެކްސިޑެންޑް ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގެ ޤަވާއިދުތަކަށް  ދަރިވަރުން އަހުލުވެރިކުރުވުމަށް އެކި ޕްރޮގްރާމްތައް ހިންގައެވެ.

މިއަދު އޮންލައިން