ކުޑަކުދިން ކުށުގެވެށިން ދުރުކޮށް އެކުދިންނަށް ލިބޭ އެކިއެކި އަނިޔާތަކުން ސަލާމަތްކުރުމަށް ކުރެވެންހުރި ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
ޖުލައި 27 ވަނަ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ކުށްކުރާ ކުދިންނާމެދު އަމަލު ކުރަމުންދާ ގޮތްތަކާއި ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނާއި ކުޑަކުދިން ކުށްތަކުން ދުރުކުރުމަށް ހޭލުންތެރިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އަދި ކުޑަކުދިންނަށް ލިބިމުންދާ އެކިއެކި އަނިޔާތަކުން އެކުދިން ރައްކާތެރި ކުރުމަށް ކުރެވެން ހުރި ކަންކަމުގެ އިތުރުން ތަޙުޤީޤު ނިންމައި ކޯޓަށް ހުށައެޅޭ ކުޑަކުދިންގެ މައްސަލަތައް މިހާރަށް ވުރެ އަވަހަށް ނިންމުމަށް ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.