ރަސްރަނި ބަގީޗާގެ ނަން ކުރިން އިން ގޮތަށް "ސަލްޓަން ޕާކަށް" ބަދަލު ކުރުމުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު އެކަމާއި ނުރުހުން ފާޅުކޮށް، ފާޑުވިދާޅުވެއްޖެއެވެ.
ކުރީގެ ސަލްޓަން ޕާކު ތަރައްޤީކޮށް، އެތަނަށް "ރަސްރަނި ބަގީޗާ" ގެ ނަން ދެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. އެތަނަށް އަލުން "ސަލްޓަން ޕާކު" ގެ ނަންދެވި، މާލެ ސިޓީ ކައުންސިލުން އެތަނުގެ ނަން ބޯޑު ބަދަލު ކޮށްފައިވަނީ އިއްޔެއެވެ.
މިކަމާއި ނުރުހުން ފާޅު ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ރޭގައި ކުރެްއވި ޓްވީޓެއްގައި އައްސަވާފައިވަނީ، ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރެއްވީ އެތަނުން ކޮން ތާރީޚެއް އާލާކުރައްވަންތޯއެވެ. ނަމާއެކު އެނަން ކުރިން ކީއިރު އެތަން އޮތް ގޮތަށް އެތަންވެސް ބަދަލު ކުރަންވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.
"މިތަނުން ކޮން ތާރީޚެއް އާލާކުރަންތޯ ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރަނީ؟ ނަމާއެއްކޮށް، އެނަން ކުރިން ކީއިރު އެތަން އޮތް ގޮތަށް ތަން ވެސް ބަދަލު ކުރަންވާނެ ނޫންތޯ؟ ދިވެހި ބަހާއި، ތަނުގެ ތާރީޚް ބޮޑަށް އާލާ ކުރެވެނީ ދިވެހި ނޫން ނަމަކުންތޯ؟" ޑރ. މުއިއްޒުގެ މިޓްވީޓުގައި މާލެ ސިޓީ ކައުންސިލާއި ދިވެހި ބަހުގެ އެކެޑެމީ ވެސް ޓެގް ކޮށްފައިވެއެވެ.
މީގެއިތުރުން މިއަދު ކުރެއްވި ޓްވީޓެއްގައި ކުރީގެ ހައުސިން މިނިސްޓަރ ވިދާޅުވެފައިވަނީ އެބޭފުޅުންގެ ސަރުކާރުގައި ބެއްލެވީ ވީހާވެސް ދިވެހިވަންތަ، ތާރީޚް އާލާވާ ނަންނަން އެބޭފުޅުން "ހެއްދެވި" ތަންތަނަށް ކިޔުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބެލީ ވީހާވެސް ދިވެހިވަންތަ، ތާރީޚް އާލާވާ ނަންނަން ކިޔަން އަޅުގަނޑުމެން ހެދި ތަންތަނަށް. މިސާލު: ރާވެރިބޭ މައިޒާން، ހިއްތަން މައިޒާން، ރެހެންދި މައިޒާން، އިސްކަންދަރު މައިޒާން، މުއިވެޔޮދޮށު މައިޒާން، ރަސްފަންނު. މިހާރު މިފެންނަނީ ކަމެއް ނުކޮށްތިބެ ބަހާއި ތާރީޚް އޮޅުވާލާތަން" ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ކުރިން "ސަލްޓަން ޕާކު" ގެ ނަން "ރަސްރަނި ބަގީޗާ" ގެ ނަމަށް ބަދަލުކުރީ، އެތައް ބަޔަކު އެކަމާއި ނުރުހުން ފާޅުކޮށް، އެކަން އެފަދައިން ނުކުރުމަށް ގޮވާލަމުން ދަނިކޮށެވެ.
Alhugandumen belee veehaaves dhivehivantha,thaareekh aalaavaa nannan kiyan alhuganudmen hedhi thanthanah
— Dr Mohamed Muizzu (@MMuizzu) July 30, 2019
Misaalu:Raaveribey Maizaan,Hihthan Maizan,Rehendhi maizan, Iskandhar Maizan,Muiveyodhoshu Maizan,Rasfannu.
Mihaaru mifennanee kameh nukoh thibe bahaa thaareekh olhuvaalaathan https://t.co/pY8DGpcqUg