80 ގްރާމް މަސްތުވާތަކެތި ހިފައިގެން ޓީޖެޓީ އިން ފުރަން އުޅުނު މީހަކު ފުލުހުން މިރޭ ހައްޔަރު ކޮއްފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނި މިމީހާ ޓީޖެޓީގައި އޮތް މުދާއުފުލާ ދޯންޏަކުން ރާއްޖޭގެ ރަށަކަށް ފުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމީހާބަލާ ފާސްކުރިއިރު ލައިގެން ހުރި ޖިންސްގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މީގެއިތުރުން އޭނާގެ ކޮނޑުގައި އޮތް ދަބަހުންވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތަރު ރަބަރު ޕެކެޓާއި ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މިމީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 80 ގްރާމު ހުރިކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.