"100 ފަހަރު ލުއި، ލުއި ކިޔާފައި ލޯނު ކީ ނަމަވެސް ލުޔެއް ނުވާނެ. ކިތަންމެ ރީތި ނަމެއް ކީ ނަމަވެސް ޙަރާމް، ހަލާލެއް ނުވާނެ. ރިބާ ވަނީ ޙަރާމް ކުރައްވަވާފަ. ރިބާގެ ޢަޛާބް ލުޔެއް ނުވާނެ. ވަރަށް ވަރުގަދަވާނެ. ޙަރާމް އެއްވެސް އެއްޗެއް ޙަލާލް ކުރާނީ ޝައިޠާނާ. އެކަން ކުރަނީ އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠާނުން."
- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިރޭ އިސްލާމީ މަރުކަޒުގަ ދެއްވި ދަރުސުން
ޝައިޚް އިލްޔާސް މިރޭ އިސްލާމީ މަރުކަޒުގައި ދެއްވި ދަރުސްގައި ވިދާޅުވީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރަން ބުނާ މީހަކީ އެހެން ބުނާވަގުތު ޝައިޠާނުންގެ ތެރެއިން ހިމެނޭ މީހެއް ކަމަށެވެ. މީގެ އިތުރުން އިންސާނުންގެ ތެރޭގައި ޝައިޠާނުން ތިބޭނެ ކަމުގެ ހެކި ކީރިތި ޤްރުއާނުން ވަނީ ދައްކަވައިފައެވެ. "މިއީ އަޅުގަނޑު ބުނާ ވާހަކައެއް ނޫން. ޤްރުއާނުން އެނގެން އޮތް ކަމެއް."
- އައްނާސް ސޫރަތުގެ 4،5،6 ވަނަ އާޔަތުގެ މާނަ:
"ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަަމެވެ.)"
"އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ."
"ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ."
ދީނީ ޢިލްމުވެރިން ގެންދަވަނީ ރިބާގެ މައްސަލަތަކުގައި މިފަދައިން ދަރުސް ދެއްވަމުންނެވެ. މައުލޫމާތު ލިބޭނީ އަޑުއަހައި ވިސްނާ ބައަކަށެވެ.