ބެންކޮކްގައި މީހުން އެއްވެ އުޅޭ ތަންތަނަށް ދިވެހިން ނުދިޔުމަށް ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.
ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީން މިކަމަށް އިލްތިމާސްކޮށްފައިވަނީ ބެންކޮކްގެ ތިން ސަރަހައްދަކަށް ހަ ފަހަރެއްގެ މަތިން ބޮމުގެ ކުދި ހަމަލާތަކެއް ދީފައިވާތީއެވެ.
ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާދިސާ އާއި ގުޅިގެން ތައިލެންޑްގެ ސަރުކާރުން ބެންކޮކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުންދާ ކަމަށާއި ބެންކޮކްގައި އުޅޭ ދިވެހީން އިތުރަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، އަބަދުވެސް ޕާސްޕޯޓް ހިފައިގެން އުޅުމަށް އެމްބަސީން ވަނީ ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.
މި ހަމަލާތަކުގައި ހަތަރު މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.