ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 10:30 ގައި ކުރީގެ ރައީސް ޔާމީންގެ މައްސަލައިގެ ހެކިބަސް ނެގުން ތާވަލުކޮށްފިއެވެ. ހެކިބަސް ނެގުމުގެ މި އަޑުއެހުން ވެސް އާންމުކޮށް ދުރަށް ދެއްކުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދައުލަތުގެ ފަރާތުން ޔާމީންއާ ދެކޮޅަށް 8 ހެކިވެރިއަކު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތު، ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އަދި މުހައްމަދު ވަސީމް އިސްމާއިލް (އެންސިސް ވަސީމް) އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް އޮންނަ ގަޑިއަށް ކްރިމިނަލް ކޯޓު ކައިރިއަށް އެއްވުމަށް ސަޕޯޓަރުންނަށް ގޮވާލައިފައެވެ.